ޝެޓްސް އަށް އަލަށް ގުޅުނު އިސްވާރުންނަށް ހާއްސަކޮށް، ޝެޓްސްގެ މިޓާމުގެ ފުރަތަމަ ލީޑަރސް މީޓިން ކުރިޔަށް ގެންގޮސްފިއެވެ. 23 ފެބުރުވަރީ ވީ ބުރާސްފަތި ދުވަހުގެރޭ، އެފް.އެޗް.ޓީ.އެސްގައި، ބޭއްވި މި ބައްދަލުވުމުގައި ޝެޓްސްއާ އަލަށް ގުޅުނު 30 ށް ވުރެ ގިނަ އިސްވާރުންގެ އިތުރަށް ޝެޓްސްގެ އިސްވާރުންގެ ގޮތުގައި މިހާރުވެސް ހަރަކާތްތެރިވަމުންދާ އިސްވާރުންނާއި، ޝެޓްސްގެ ހިންގާ ކޮމެޓީގެ މެމްބަރުންނާއި އެކު ޖުމުލަ 40 ށް ވުރެ ގިނަ މެމްބަރުން ވަނީ ބައިވެރި ވެފައެވެ.
މި ބައްދަލުވުމަކީ ޝެޓްސްއާ އަލަށް ގުޅުނު އިސްވާރުންނަށް ޝެޓްސްއާ ގުޅޭ މުހިންމު މައުލޫމާތުތައް ފޯރު ކޮށްދިނުމުގެ އިތުރަށް، ޝެޓްސް އިން މި ޓާރމުގައި ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ހަރަކާތްތަކާ ގުޅޭ މައުލޫމާތުތައް ހިއްސާ ކުރުމަށް، ޝެޓްސްގެ ހިންގާ ކޮމެޓީން ރާވާ އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދެވުނު ބައްްދަލުވުމެކެވެ. އަދި މީގެ އިތުރަށްވެސް ނިމިދިޔަ 2022 ވަނަ އަހަރު ޝެޓްސް އިން ކުރިޔަށް ގެންދިޔަ ހަރަކާތްތަކުގެ މައްޗަށް އެކުލަވާލައި ތައްޔާރު ކޮށްފައިވާ ވީޑިއޯ ރިޕޯޓް ޝެޓްސްގެ އިސްވާރުންނާއި ވަނީ ހިއްސާ ކޮށްފައެވެ.
އަލަށް ގުޅުނު އިސްވާރުންނާއެކު ޝެޓްސްގެ އިސްވާރުންގެ ޓީމު އިތުރަށް ވަރުގަދަ ވެފައި ވާއިރު ޝެޓްސްގެ މި އަހަރުގެވެސް އަމާޒަކީ އަލަށް ގުޅުނު އިސްވާރުންނާއެކު ގިނަ ކަންކަން ރާވާ ހިންގުމެވެ. އަދި ބެސްޓް ވިންގް ގެ މަގާމު ދިފާއުކުރުމެވެ.





