ސްޓޫޑެންޓްސް އިނީޝިއޭޓިވް އާރޓްސް (ސިއާ) އިން ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ކުލަގަދަ ހަފްލާއެއް ބާއްވައިފިއެވެ.
މި ހަފްލާ ބާއްވާފައިވަނީ އަންހެނުންގެ ދުވަސް ކަމުގައިވާ، 08 މާރިޗު 2023، ވީ ބުދަ ދުވަހުގެ ރޭ، މަންހަޓަން ބިޒުނަސް ހޮޓަލްގެ ބެންކުއެޓް ހޯލުގައެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާރސިޓީގެ ވައިސް ޗާންސެލަރ ޑރ. މުހައްމަދު ޝަރީފް އަދި ފެކަލްޓީ އޮފް އާރޓްސްގެ ޑީން އާސިމް އަބްދުލް ސައްތާރު ބައިވެރިވަޑައިގެން މި ހަފްލާގައި އަންހެނުން ބާރުވެރިކުރުމާއި، އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމާއި، އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމާއި އަދި އަންހެނުންނަށް ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަނެވޭނެ ގޮތްތަކާމެދު ހިޔާލު ފާޅުކޮށް މަޝްވަރާގެ އުސޫލުން ސިއާގެ ރައީސް ފާތިމަތު ރާޢިޢާ އަދި ސިއާގެ ނައިބު ރައީސް – އިލްމީ، މަރްޔަމް އީމާ ޝަފީގު ވަނީ ވާހަކަދައްކާފައެވެ.
އަދި މި ހަފްލާގައި އެމް.އެން.ޔޫ.އެސް.ޔޫގެ ބޮޑުބެރު ގްރޫޕުގެ ފަރާތުން ފޯރިގަދަ ހުށައެޅުންތަކެއް ފެނިގެންދިޔައިރު އެމް.އެން.ޔޫ.އެސް.ޔޫ ޑާންސް ގްރޫޕުންވެސް ވަނީ ފަރި ހުށައެޅުންތަކެއް ހުށައަޅައިދީފައެވެ. އަދި ދަރިވަރެއްގެ އަދަބީ ހުށައެޅުމެއްވެސް މި ހަފްލާގައިވަނީ ހުށަހަޅާދީފައެވެ.
ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި ހަފްލާގައި ފެކަލްޓީގެ ލެކްޗަރާއިންނާއި ސުކޫލުތަކުގެ ދަރިވަރުން ބައިވެރިވީއިރު ދިވެހިރާއްޖޭގެ ގައުމީ ޔުނިވާރސިޓީގެ ދަރިވަރުންގެ ހޫނު ތަރުހީބެއްވަނީ ލިބިފައެވެ. ސިއާގެ އުންމީދަކީ އަންހެނުންނަކީ މުޖުތަމައުގައި ރައްކާތެރިކަން ލިބިފައިވާ ބާރުވެރި ބަޔަކަށްވުމެވެ.





