ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ) އިން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދިޔަ ”ފެސާ މާހެފުން 1444“ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މާހެފުން ކުރިޔަށް ގެންގޮސްފައިވަނީ މާރިޗު 16 ވީ ބުރާސްފަތި ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. މި މާހެފުމުގައި ފެކަލްޓީ އޮފް އެޑިއުކޭޝަންގެ (އެފް.އީ) ދަރިވަރުންނާއި، ލެކްޗަރަރއިންގެ އިތުރުން އެހެނިހެން ސްޓާފުންވެސް ވަނީ ބައިވެރިވެފައެވެ. މާހެފުމުގެ ކުރިން ފެސާގެ ރައީސް ވަނީ ބައިވެރިވި އެންމެންނާ މުޚާޠަބުކޮށް ވާހަކަ ދައްކާފައެވެ. މިއީ އެފް.އީގެ ދަރިވަރުންނާއި އެކެޑަމިކް އަދި އެޑްމިން ސްޓާފުން ގުޅިގެން ބޭއްވި ފުރަތަމަ މާހެފުންކަމަށް ރައީސް ވަނީ ފާހަގަކޮށްފައެވެ. އަދި މި ފުރުސަތުގައި މި ހަރަކާތް ފުރިހަމަކަމާއެކު ނިންމާލުމަށް އެހީތެރިވެދެއްވިކަމަށްޓަކައި ފެކަލްޓީގެ ޑީން ޑރ. ވަސީމާ ފިކުރީ އަދި ލެކްޗަރަރ ހަމީޒާ އަފީފަށް ވަނީ ވަރަށް ޚާއްސަ ޝުކުރެއް ދަންނަވާފައެވެ. މީގެ އިތުރުން ފެސާގެ ލީޑަރުންނާއި އެކި ކޯސްތަކުގެ ބެޗް ލީޑަރުންގެ ފަރާތުން ލިބުނު އެއްބާރުލުންވެސް ފާހަގަކޮށް ވާހަކަ ދައްކަވާފައިވެއެވެ.


މި ހަރަކާތުގެ މަގްސަދަކީ ދަރިވަރުންނާއި ލެކްޗަރަރއިންގެ އިތުރުން ސްޓާފުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް އެންމެން އެއްވެ ވަގުތު ކޮޅެއް ހޭދަކޮށްލުމުގެ ގޮތުން ރޭވިގެން ދިޔަ ހަރަކާތެކެވެ.
ފެސާއިން މިކަހަލަ ހަރަކާތެއް އަލަށް ކުރިޔަށް ގެންދިޔައިރު ފެސާގެ ލީޑަރުންގެ ފަރާތުންނާއި ބެޗް ލީޑަރުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަން ކުރިޔަށް ހުރި ހަރަކާތްތަކުގައި ވެސް ފެންނާނެ ކަމަށް ފެސާއިން އުއްމީދުކުރެއެވެ.






