ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން އަށް މި ސެމިސްޓަރގައި ލިބުނު ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުން ”ފެސާ ވިކްޓްރީ ސެލެބްރޭޝަން ނައިޓް“ ބާއްވައިފިއެވެ.
މި ހަރަކާތް ބާއްވާފައިވަނީ މެއި 24 ވީ ބުދަ ދުވަހުގެ ރޭ، މަންހަޓަން ބެންކުއެޓް ހޯލްގައެވެ. އެމް.އެން.ޔޫ.އެސް.ޔޫ އިން މި ސެމިސްޓަރގައި ކުރިޔަށް ގެންދިޔަ މުބާރާތްތަކުގައި ފެކަލްޓީ އޮފް އެޑިއުކޭޝަން ތަމްސީލު ކުރަން ބައިވެރިވި ދަރިވަރުންނާއި، މުބާރާތްތަކުގައި ކޯޗު ކޮށްދިން އަދި އެހީތެރިވެދެއްވި ފަރާތްތަކުގެ އިތުރުން އެފް.އީގެ ލެކްޗަރަރއިންނާއި އެމް.އެން.ޔޫ.އެސް.ޔޫގެ ހިންގާ ކޮމިޓީގެ ބައެއް މެންބަރުން ވަނީ މި ހަފްލާގައި ބައިވެރިވެފައެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ބެޑްމިންޓަން މުބާރާތުގައި ބައިވެރިވި ދަރިވަރުންނާއި، އެމް.އެން.ޔޫ.އެސް.ޔޫ – ސިއާ މަދަހަ މުބާރާތާއި، އެމް.އެން.ޔޫ.އެސް.ޔޫ – އެސް.އެސް.އެލް ޤުރުއާން މުބާރާތުގައި ބައިވެރިވި ދަރިވަރުންވަނީ މި ފެކަލްޓީއަށް އެއްވަނަ ހޯދައިދީފައެވެ. މި ހަފްލާ ޚާއްސަވެގެންދިޔައީ މި ދެންނެވި ދަރިވަރުންނަށެވެ.


މި ހަފްލާގެ މަގްސަދަކީ ރަން ވަނަ ތައް ހޯދައިދިން ދަރިވަރުންނާއި، އެހެނިހެން މުބާރާތްތަކުގައި އެފް.އީ އިން ބައިވެރިވި ދަރިވަރުންގެ މިންނެތް މަސައްކަތް އަގުވަޒަންކޮށް ޝުކުރުއަދާކުރުމެވެ.
މި ހަފްލާގައި ބައިވެރިންނާއި މުހާތަބު ކުރައްވަމުން ފެސާގެ ރައީސް، މުޙައްމަދު ނާބިތު އަޙްމަދު ވަނީ ފެސާއަށް ލިބުނު ކާމިޔާބީތައް ފާހަގަކޮށް މަރުހަބާ ކިޔާފައެވެ. އަދި ކުރިޔަށް އޮތް މުބާރާތްތަކުގައި އިތުރަށް ވަރުގަދަ ޓީމެއް ނެރުމަށް މަސައްކަތް ކުރާނެކަމަށް ބުނެފައެވެ. ނިންމާލަމުން ރައީސް ވަނީ ޑީން އަށާއި ލެކްޗަރަރއިންނަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ. އަދި ކުރިޔަށް ހުރި މުބާރާތްތަކުގައި ވެސް ގިނަ ކުދިން ބައިވެރިވެ، ކާމިޔާބީ ހޯދަން މަސައްކަތް ކުރަން ހިތްވަރުދީފައެވެ.
ފެސާގެ އުއްމީދަކީ، އިސްވާރުންގެ ފަރާތުން މި ޓާރމުގައި ފެނިގެންދިޔަ ޖޯޝާއެކު ކުރިއަށް އޮތް ޓާރމުގެ ހަރަކާތްތަކާއި މުބާރާތްތައް ކާމިޔާބުކަމާއެކު ނިންމާލުމެވެ.






