ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ) އިން ފެކަލްޓީ އޮފް އެޑިއުކޭޝަންގެ (އެފް.އީ) ފުޓްސަލް ޓީމުގެ ކިޓު ތައްޔާރު ކުރުމަށް ”އެފް.އީ ފުޓްސަލް ޓީމްސް ޖާރޒީ ޑިޒައިން ކޮންޓެސްޓް“ ގެ ނަމުގައި މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.
މި މުބާރާތަކީ ކުރިޔަށް އޮތް ”އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2023“ ގައި އެފް.އީ އިން ބައިވެރިވާ ޓީމުގެ ކިޓު ތައްޔާރު ކުރުމުގެ ގޮތުން، އެފް.އީ ގައި މިވަގުތު ކިޔަވަމުންދާ ދަރިވަރުންނާއި، އެފް.އީ އިން މީގެ ކުރިން ކިޔެވި ދަރިވަރުންނަށް ހުޅުވާލައިގެން ކުރިޔަށް ގެންދެވޭ ހަރަކާތެކެވެ. މި ކޮންޓެސްޓުގެ މަގްސަދަކީ ދަރިވަރުންގެ އުފެއްދުންތެރިކަމާއި، ހުނަރާއި، ގާބިލްކަން ދައްކުވައިދިނުމުގެ ފުރުސަތު ފަހިކޮށްދީ، ފެސާއިން ހިންގާ ހަރަކާތްތަކުގައި އިތުރަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ އިތުރުން ދަރިވަރުންގެ މެދުގައި އެކުވެރި އަދި ދުޅަހެޔޮ ވާދަވެރިކަން ކުރިއެރުވުމެވެ.


މުބާރާތް ކުރިޔަށް ދާނީ 14 އޮގަސްޓް އިން ފެށިގެން 31 އޮގަސްޓްގެ ނިޔަލަށެވެ. ޑިޒައިން ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑިއަކީ 27 އޮގަސްޓްގެ މެންދުރު 1400ގެ ކުރިންނެވެ. މުބާރާތުގެ ފަނޑިޔާރުކަން ކުރާނީ ފެސާގެ ހިންގާ ކޮމިޓީންނެވެ. ސުންގަޑި ހަމަވުމުން ޑިޒައިންތައް ”ޝޯޓްލިސްޓް“ ކުރެވެން ފެށޭނެއެވެ. ފަނޑިޔާރުންނަށް އެންމެ ކަމުދާ ތިން ޑިޒައިން ފެސާގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ޕަބްލިކް ވޯޓަކަށް ހުޅުވިގެންދާނެއެވެ. ވޯޓުލުން ކުރިޔަށް ދާނީ 29 އޮގަސްޓް މެންދުރު 12 އިން ފެށިގެން 30 އޮގަސްޓް މެންދުރު 12 ގެ ނިޔަލަށެވެ. ވޯޓު ގުނުމަށްފަހު އެންމެ ގިނަ ވޯޓު ލިބޭ ޑިޒައިން އެއްވަނައަށް ދާނެއެވެ. އެއްވަނައަށް ދާ ޑިޒައިން އަށް 1000 ރުފިޔާގެ ކޭޝް ޕްރައިޒް އަދި މޮޅުވާ ޑިޒައިންގެ ހިލޭ ޖާރޒީއެއް ލިބޭނެއެވެ.
އުއްމީދަކީ ވީހާވެސް ގިނަ ދަރިވަރުން މި މުބާރާތުގައި ބައިވެރިވުމެވެ.






