ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ އެންމެ މަތީ ޢިއްޒަތުގެ ގޮތުގައި ”އެމް.އެން.ޔޫ.އެސް.ޔޫގެ ޝަރަފުވެރިކަމާއި ޢިއްޒަތްތެރިކަމުގެ ނިޝާން“ ދިނުމަށް އެމް.އެން.ޔޫ.އެސް.ޔޫގެ ހިންގާ ކޮމިޓީއިން ނިންމައިފިއެވެ. މިގޮތުން، 16 ފެބުރުވަރީ 2018ވީ ހުކުރުދުވަހުގެރޭ އެމް.އެން.ޔޫގެ ”އެފް.އީ އޮޑިޓޯރިއަމް“ގައި އޮތް ރަސްމިއްޔާތެއްގައި ”އެމް.އެން.ޔޫ.އެސް.ޔޫގެ ޝަރަފުވެރިކަމާއި ޢިއްޒަތްތެރިކަމުގެ ނިޝާން“ގެ ޢިއްޒަތް 2 ފަރާތަކަށްވަނީ އަރުވާފައެވެ.
2018ވަނަ އަހަރުގެ އެމް.އެން.ޔޫ.އެސް.ޔޫގެ މާލޭ ކެމްޕަހުގެ ގޮފިތަކުގެ ހިންގާކޮމިޓީތަކަށް މަޤާމު ޙަވާލުކުރެއްވުމުގެ ރަސްމިއްޔާތުގައި، މި ދެންނެވުނު އެމް.އެން.ޔޫ.އެސް.ޔޫގެ އެންމެ މަތީ ޢިއްޒަތް، އެމް.އެން.ޔޫ.އެސް.ޔޫގެ ރައީސް އަރުޝަދު އަޝްރަފްގެ ފަރާތުން، އެރުވިގެންދިޔައީ:
- އެމް.އެން.ޔޫ.އެސް.ޔޫގެ ޝަރަފުވެރިކަމާއި ޢިއްޒަތްތެރިކަމުގެ ނިޝާނުގެ ވެރިޔާ – ޢަލީ ރަޝީދު، ކުންނާރުގެ / ދ. ރިނބުދޫ (އެމް.އެން.ޔޫ ކައުންސިލްގައި ދަރިވަރުން ތަމްސީލުކުރާ މެންބަރު)
- އެމް.އެން.ޔޫ.އެސް.ޔޫގެ ޝަރަފުވެރިކަމާއި ޢިއްޒަތްތެރިކަމުގެ ނިޝާނުގެ ވެރިޔާ – މުޙައްމަދު މުޞްޠަފާ ޙުސައިން، މއ. މެރާނާ / ކ.މާލެ (އެމް.އެން.ޔޫގެ ކުރީގެ ޑައިރެކްޓަރ އޮފް ސްޓޫޑެންޓްސް)
މި ޢިއްޒަތްތެރިކަމުގެ ނިޝާން ދާއިމީގޮތެއްގައި ދިނުމަށް އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން ވަނީ ނިންމާފައެވެ. މިއީ އެމް.އެން.ޔޫ.އެސް.ޔޫ އަށް ތަފާތު އެކި ރޮނގުން ގިނަ ދުވަސްތަކެއްވާންދެން ޚިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކަށް އެ ފަރާތްތަކުގެ އަގުވަޒަންކޮށް، އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން ދެވޭ އެންމެ މަތީ ޢިއްޒަތުގެ ގޮތުގައި ދެވޭ ނިޝާނެވެ.