މާލޭގެ 14 އަދި 25 ވަނަ ސްކައުޓް ގްރޫޕް ކަމަށްވާ ތާޖުއްދީން ސްކޫލް އަދި އަމީނިއްޔާ ސްކޫލްގެ ސީނިއަރ ސްކައުޓުން (ޓީމް ބަރަބޯ) އިން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދިޔަ ”އެސް.ޑީ.ޖީ ފެއަރ 2023“ ގައި ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން އިން ބައިވެރިވެއްޖެއެވެ.
4 ނޮވެމްބަރ ވީ ހޮނިހިރު ދުވަހުގެ ހަވީރުން ފެށިގެން ރޭގަނޑު 10 އެއް ޖަހަންދެން ކުރިޔަށް ދިޔަ މި ފެއަރ ބާއްވާފައިވަނީ އާރޓިފިޝަލް ބީޗްގައެވެ. މި ފެއަރ އަކީ ސަސްޓެއިނަބަލް ޑިވަލޮޕްމެންޓް ގޯލްސް (އެސް.ޑީ.ޖީ) އާއި ބެހޭ ގޮތުން ޒުވާނުން ހޭލުންތެރިކުރުމުގެ މަގްސަދުގައި ބޭއްވި ހަރަކާތެކެވެ.
ފެސާއިން ވަނީ 4 ވަނަ އެސް.ޑީ.ޖީ ކަމަށްވާ ”ކުއަލިޓީ އެޑިއުކޭޝަން“ގެ ސްޓޯލް އިންތިޒާމްކޮށްފައެވެ. ސްޓޯލްގައި އެސް.ޑީ.ޖީ އާއި ބެހޭގޮތުން މައުލޫމާތު ދިނުމުގެ އިތުރުން ”ޕޮޕް ކުއިޒް“ އާއި، ”ޓިކް ޓެކް ޓޯ“ އަދި ކުޑަ ކުދިން ކުރަހާ ކުލަ ޖައްސާ ހަރަކާތްތައްވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ.
ފެސާގެ އަމާޒަކީ، އިސްވާރުންނަށް މިކަހަލަ ގިނަ ގުނަ ތަޖުރިބާ ލިބޭ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމެވެ. މީގެ އިތުރުން، ސްކޫލު ދަރިވަރުންނަށް، އެ ދަރިވަރުން ކުރާ ”ހިއުމެނިޓޭރިއަން“ މަސައްކަތުގައި އެހީތެރިވުމަކީވެސް ފެސާގެ ލަނޑުދަނޑިއެކެވެ.






