އެމް.އެން.ޔޫ.އެސް.ޔޫ-ފެސާ އިޝާރާތް މުބާރާތުގެ ފަޚުރުވެރި އެއްވަނަ ފެސާއިން ހޯދައިފިއެވެ.
މިއީ ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ފެސާއިން 2021ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް އިންތިޒާމްކޮށްގެން ބާއްވާ މުބާރާތެކެވެ.
މުބާރާތް ބޭއްވިގެން ދިޔައީ 1 މާރިޗު ވީ ހުކުރު ދުވަހު އެމް.އެން.ޔޫ. ބިޒްނަސް ސްކޫލް އޮޑިޓޯރިއަމްގައެވެ. މިދިޔަ އަހަރާއި ހިލާފަށް ޖުމްލަ ހަތަރު ބުރަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތް މިފަހަރު ގެންގޮސްފައިވަނީ އެއް ދަންފަޅިން ނިމޭ ގޮތަށެވެ.
ކުޑަ ރަސްމިއްޔާތަކަށްފަހު މުބާރާތް ފެށިގެން ދިޔައިރު، ކީރިތި ޤުރުއާނުގެ ބަރަކާތުން މި މުބާރާތް ފައްޓަވައިދެއްވީ ފެސާގެ ނައިބު ރައީސާ (ޢިލްމީ) ފާތިމަތު އަހުލާމެވެ. މުބާރާތް ޝަރަފްވެރި ކޮށްދެއްވާފައިވަނީ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ޑީން ނާދިޔާ އަހްމަދެވެ.
އިޝާރާތުން ދައްކަން ޖެހޭ ބަސްތަކުގެ ތެރޭގައި އަދަބީ ބަސްތަކާއި، ހިފާ ގެންގުޅޭ ސާމާނާއި، އޮޑި ދޯނި ފަހަރުގެ ބައިތަކުގެ އިތުރުން ރާއްޖޭގައި ހެދޭ ގަސްތަކާއި، ބޭސްވެރިކަމަށް ގެންގުޅޭ ތަކެތީގެ ނަމުގެ ބަސްތައް ހިމެނެއެވެ.
މުބާރާތުގެ ފައިނަލް ބުރުގައި ބައްދަލު ކުރީ އެންމެ މަތިން މާކްސް ލިބުނު ތިން ޓީމު ކަމަށްވާ ބީއެސް.އެސް.އޭގެ ޓީމާއި، ފެސާ އަދި ނިއަރެސްގެ ޓީމެވެ.
ވާދަވެރި ފައިނަލަކަށްފަހު، މުބާރާތް ކާމިޔާބުކުރީ ފެސާއިންނެވެއެވެ.
މުބާރާތުގައި ފަނޑިޔާރުކަން ކުރައްވާފައިވަނީ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ކުރީގެ މީޑިއާ ކޯޑިނޭޓަރ ފާތިމަތު ރާޔާ ޝާހިދާއި ކުރީގެ ނައިބު ރައީސާ (ޢިލްމީ) މަރިޔަމް ސުހާ އެވެ.
މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ފެސާގެ ނައިބު ރައިސާ ފާތިމަތު އަހްލާމް ވަނީ މިމުބާރާތުގެ ހުރިހާ ބައިވެރިންނާއި، ޖުމުލަ ގޮތެއްގައި މުބާރާތް އިންތިޒާމުކުރުމުގައި އެހީތެރިވެދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރުދަންނަވާފައެވެ. އަދި މުބާރާތުގެ ޝަރަފުވެރި މެހެމާން، އެފް.އީ.ގެ ޑީން ނާދިޔާ މިސް ވެސް ވަނީ ދަރިވަރުންނާ މުޚާތަބުކުރައްވާފައެވެ. މިސްގެ ވާހަކަފުޅުގައި ވީހާވެސް ބޮޑަށް ރޭވުންތެރި ކަމާއެކު މުބާރާތްތަކުގެ އިންތިޒާމުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އިރުޝާދު ދެއްވިއެވެ.
މުބާރާތުގައި ބައިވެރިވި ހުރިހާ ޓީމުތަކަށް ހަނދާނީ ލިޔުން ދެއްވާފައިވަނީ އެމް.އެން.ޔޫ.އެސް.ޔޫގެ ރައީސް ޖައިޝް އަލީ ވަހީދެވެ. އަދި އެއަށްފަހުގައި މުބާރާތުގެ ޗެމްޕިއަންއަދި ރަނަރރަޕް ޓީމަށް ހަނދާނީ ލިޔުމާއި ޓްރޮފީ ހަވާލު ކޮށްދެއްވީ މުބާރާތުގެ ޝަރަފުވެރި މެހެމާން ނާދިޔާ މިސްއެވެ.
މުޅި އެމް.އެން.ޔޫ ގެ ހުރިހާ ފެކަލްޓީތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި 9 ފެކަލްޓީއަކުން ބައިވެރިވެފައިވާއިރު، މިއީ މިމުބާރާތުގައި މިހާތަނަށް އެންމެ ގިނަ ޓީމްތަކުން ބައިވެރިވި ފަހަރުކަން ފާހަގަކޮށްލަމެވެ.






