ފަސްވަނަ އެމް.އެން.ޔޫ.އެސް.ޔޫ ޝެޓްސް ކެރަމް މުބާރާތުގެ ޓީމް އިވެންޓްގެ ޗެމްޕިއަންކަން އެމް.އެން.ޔޫ.ބީ.އެސް އިން ހޯދައިފިއެވެ.
މާރިޗު މަހުގެ 22 އިން 24 އަށް ކެރަމް އެސޯސިއޭޝަންގެ މާލެ ކެރަމް ހޯލްގައި ކުރިޔަށް ގެންދެވުނު މި މުބާރުގެ ސިންގަލް އިވެންޓްގެ އަންހެން އަދި ފިރިހެން ޑިވިޝަން، ކޮންމެ ޑިވިޝަނެއްގައި 22 ކުޅުންތެރިން ހިމެނޭގޮތަށް ޖުމުލަ 44 ކުޅުންތެރިން ބައިވެރިވެފައިވެއެވެ. އަދި މުބާރާތުގައި ޓީމް އިވެންޓްގައި ޖުމުލަ 8 ޓީމް ބައިވެރިއިރު ކޮންމެ ޓީމްއެއްގައި 10 ކުޅުންތެރިން ހިމެނިފައިވެއެވެ.
މުބާރާތުގެ ސިންގަލް އިވެންޓްގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސީ.އެފް.އެސްގެ ޝައުފާ ޝަފީއު ޖައުހާ ހޯދި އިރު ދެވަނަ ހޯދައިފަވަނީ އެފް.އެޗް.އެސްގެ އަސްފާ އާދަމް އެވެ. އަދި ތިންވަނަ ހޯދާފައިވަނީ ސުކޫލް އޮފް ނަރސިންގެ މަރިޔަމް ޝައުފާއެވެ. މިއީ މި 3 ކުޅުންތެރިންވެސް މުބާރާތުގައި ވާދަކުރި ފުރަތަމަ ފަހަރެވެ.
ސިންގަލް އިވެންޓްގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން އެފް.އީ.އެސް.ޓީ ގެ އަބްދުﷲ ނާފިހް ހޯދިއިރު ދެވަނަ ހޯދާފައިވަނީ ސީ.އެފް.އެސްގެ ސުއައިދު ޔޫނުސް އެވެ. އަދި ތިންވަނަ ހާސިލް ކޮށްފައިވަނީ އެމް.އެން.ޔޫ.ބީ.އެސްގެ އަހުމަދު ރުޝްދާނެވެ. ރުޝްދާން ވަނީ 2022 ވަނަ އަހަރުގެ މުބާރާތުގައިވެސް 3 ވަނަ ހާސިލްކޮށްފައެވެ. މި އަހަރުގެ ޗެމްޕިއަންކަން ހޯދި ނާފިހު ވަނީ ނިމިދިޔަ 2023 ވަނަ އަހަރުގެ މުބާރާތުގެ ދެވަނަ ހޯދަފައެވެ. އަދި މި އަހަރުގެ މުބާރާތުގެ ފައިނަލްގައި ވާދަ ކުރި ސުއައިދު އަކީ ނިމިދިޔަ 2023 ވަނަ އަހަރުގެ ތިންވަނަ ހާސިލްކުރި ކުޅުންތެރިޔާއެވެ. ފާއިތުވެދިޔަ ތިން އަހަރު، ސިންގަލް އިވެންޓްގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި އާދަމް ޝާއިއު މުބާރާތުގެ ސިންގަލް އިވެންޓްގައި ވާދަ ކޮށްފައި ނުވެއެވެ. ނަމަވެސް އޭނަ ވަނީ މުބާރާތުގެ ޓީމް އިވެންޓްގައި ފެކަލްޓީ އޮފް އަރޓްސްގެ ޓީމަށް ކުޅެފައެވެ.
މުބާރާތުގެ ޓީމް އިވެންޓްގެ ފައިނަލް މެޗްގައި އެމް.އެން.ޔޫ.ބީ.އެސް. އިން ވަނީ 4 ގޭމް 1 ގޭމް އިން ސީ.އެފް.އެސް ބަލިކޮށްފައެވެ. ސީ.އެފް.އެސް އަށް ހަމަ އެކަނި ކާމިޔާބު ކުރެވުނީ އަންހެން ސިންގަލްސް ގޭމް އެކަންޏެވެ. މުބާރާތުގައި ތިންވަނަ ހޮވާ މެޗްގައި ފަސޭހަ ކަމާއިއެކު އެފް.އީ ބަލިކޮށް މުބާރާތުގެ ތިންވަނަ ހޯދީ ސުކޫލް އޮފް ނަރސިންގެ ޓީމެވެ. ސުކޫލް އޮފް ނަރސިންގެ ޓީމަކީ ނިމިދިޔަ 2023 ވަނަ އަހަރު މުބާރާތުގެ ޗެމްޕިޔަން ޓީމެވެ. ނަމަވެސް މި އަހަރުގެ މުބާރާތުގެ ސެމީ ފައިނަލްގައި ވާދަވެރި ކުޅުމަކަށް ފަހު ސީ.އެފް.އެސް. އިން ވަނީ 3 ސެޓް 2 ސެޓް އިން އެޓީމް ބަލިކޮށްފައެވެ.
މި އަހަރުގެ މުބާރާތުގައި އުއްމީދީ ގިނަ ކުޅުންތެރިންތަކެއް ފެނިގެން ދިޔައިރު މި އަހަރުގެ މުބާރާތަކީ، މި މުބާރާތުގެ ތާރީހުގައި އެންމެ ގިނަ ޓީމުތައް ބައިވެރިވި މުބާރާތެވެ. އަދި އެންމެ ގިނަ ކުޅުންތެރިވެސް ފެނިގެން ދިޔަ މުބާރާތެވެ.






