ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލަށް މި އަހަރުގެ ދެވަނަ ސެމިސްޓަރގައި އަލަށް ގުޅުނު ދަރިވަރުންނަށް އަމާޒުކޮށްގެން އެ ފެކަލްޓީގެ ގޮފި ބިޒްނަސް ސްކޫލް ސްޓޫޑެންޓްސް އެސޯސިއޭޝަން (ބީ.އެސް.އެސް.އޭ)އިން އިންތިޒާމުކުރި ގާލާ ނައިޓް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
35ށް ވުރެ ގިނަ ދަރިވަރުން ބައިވެރިވި، މިހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ 16 އޮގަސްޓް ވީ ހުކުރު ދުވަހުގެ ރޭ އެމް.އެން.ޔޫ ބިޒްނަސް ސްކޫލުގެ ސެމިނާ ރޫމްގައެވެ. މި ހަރަކާތުގައި ބިޒްނަސް ސްކޫލްގެ ލެކްޗަރާ އައިޝަތު ލީޒާ ވަނީ ބައިވެރިވެފައެވެ. ލީޒާ މިސް ކުދިންނާއި މުހާތަބުކޮށް ދެއްކެވި ވާހަކަފުޅުގައި ވަނީ ވަރަށް ބޮޑަށް ނަމާދުގެ މުހިއްމުކަމަށް އަލި އަޅުވާލާފައެވެ. އަދި މީގެ އިތުރުން ދަރިވަރުން ކުލާހަށް ހާޒިރުވުމުގެ މުހިއްމު ކަމާއި ކިޔަވަމުންވެސް އިތުރު ހަރާތްތަކުގައި ބައިވެރިވުމުގެ މުހިއްމު ކަމާއި ގުޅޭގޮތުން ވަނީ ދަރިވަރުންނަށް އަގުހުރި އިރުޝާދުތައް ދެއްވާފައެވެ.
ބީ.އެސް.އެސް.އޭ ގާލާ ނައިޓަކީ ބީ.އެސް.އެސް.އޭ އިން ކޮންމެ ސެމިސްޓަރއެއް ވެސް ފެށުމުގެ ކުރިން، މި ފެކަލްޓީ އަށް އަލަށް ގުޅޭ ދަރިވަރުންނަށް މަރުހަބާ ކިޔުމުށް ބޭއްވޭ ހަރަކާތެކެވެ.
މީގެ އިތުރުން، ފެކަލްޓީއާ އަލަށް ގުޅުނު ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާކޮށް، އެކަކު އަނެކަކަށް ތައާރަފުވެ، ދަރިވަރުންގެ ހުނަރުތައް ދެނެގަތުމުގެ ހަރަކާތްތައް މި ހަރަކާތުގެ ތެރެއިން ވަނީ ކުރިއަށް ގެންދެވިފައެވެ. އަދި މީގެ އިތުރުން ބައިވަރު އެތަށް މަޖާ ކުޅިވަރުތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އަދި ބީ.އެސް.އެސް.އޭ އިން ކުރިއަށް ރޭވިފައިވާ މުހިންމު ހަރަކާތްތަކާއި ގުޅޭ މައުޟޫމާތުތައް ވެސް ވަނީ ބައިވެރިންނާ ހިއްސާކުރެވިފައެވެ.
ބީ.އެސް.އެސް.އޭގެ އުންމީދަކީ މި ސެމިސްޓަރގައި ކުރިއަށް ގެންދިޔުމަށް ރޭވިފައި ހުރި އިތުރު ހަރަކާތްތަކުގައިވެސް ގިނަ ދަރިވަރުންގެ ބައިވެރިވުމާއެކު ކާމިޔާބުކަމާއެކު ނިންމާލުމެވެ.





