ބިޒްނަސް ސްކޫލް ސްޓޫޑެންޓް އެސޯސިއޭޝަން (ބީއެސްއެސްއޭ) އިން ސިލްސިލާކޮށް ކުރިއަށް ގެންދާ ފުޓްސަލް މުބާރާތް ”ބީ.އެސް.އެސް.އޭ ފުޓްސަލް ޗެމްޕިއަންޝިޕް 2024“ މިއަހަރުވެސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ބީއެސްއެސްއޭ ފުޓްސަލް ޗެމްޕިއަންޝިޕްއަކީ މި އެސޯސިއޭޝަނުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ އެންމެ ބޮޑު އަދި އެންމެ ގިނަ ދަރިވަރުން ބައިވެރިވާ މުބާރާތެވެ. އެގޮތުން މިއަހަރުގެ މުބާރާތުގައިވެސް 100 އަށްވުރެ ގިނަ ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ. މިއަހަރުގެ މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 6 އަދި 7 ވަނަ ދުވަހު އެފްއޭއެމް ޓާފްގައެވެ.
މިއަހަރުގެ މުބާރާތްވެސް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ އަހަރުގެ މުބާރާތް ކުރިއަށް ގެންދިޔަ ފަދައިން ދެ ޑިވިޝަނަކަށް ބަހާލައިގެންނެވެ. އެގޮތުން އަންހެން ޑިވިޝަންގައި 3 ޓީމް ބައިވެރިވި އިރު ފިރިހެން ޑިވިޝަންގައި 4 ޓީމް ވަނީ ބައިވެރިވެފައެވެ.
އަންހެން ޑިވިޝަންގެ ޓީމްތައް:
- އެރީ ކެޓީ ގާލްސް
- ހޮޓްޝޮޓް
- ދޮންދޫނި އެފްސީ
ފިރިހެން ޑިވިޝަންގެ ޓީމްތައް:
- އެރީ ކެޓީ ބޯއީސް
- ޕާކިން ޒޯން އެފްސީ
- މަޑުފެހި ސްޕޯޓްސް
- އެފްސީ ޑޮކް
މުބާރާތުގެ ދެ ޑިވިޝަންގެ ކުޅުންވެސް ކުރިއަށް ގެންގޮސްފައިވަނީ ލިގް އުސޫލުންނެވެ. އެގޮތުން އަންހެން ލީގުގެ އެއްވަނަ ހޯދައިގެން ފައިނަލަށް ދަތުރު ކުރީ ދޮންދޫނި އެފްސީ އެވެ. ލީގުގެ ދެވަނައިގެ ގޮތުގައި ފައިނަލުގެ ފަހު ޖާގަ ކަށަވަރު ކޮށްފައިވަނީ ކެޓީ ގާލްސް އެވެ. މި ދެ ޓީމް ބައްދަލު ކުރި ފައިނަލް މެޗުން 3-6 ގެ ނަތީޖާއަކުން މޮޅުވެ މުބާރާތުގެ ތަށި ނަގާފައިވަނީ ކެޓީ ގާލްސް ޓީމުންނެވެ.
ފިރިހެން ލީގުގެ ގަވައިދުގައި އޮތްގޮތުން ލީގުގެ އެއްވަނަ ޓީމަށް ސެމީ ފައިނަލް ކުޅުމަކާ ނުލާ ފައިނަލަށް ދެވެއެވެ. އަދި ދެވަނައަށާއި ތިންވަނައަށް ދާ ދެ ޓީމުގެ މެދުގައި ސެމީ ފައިނަލެއް ކުޅުމަށްފަހު މޮޅުވާ ޓީމެއް ފައިނަލް އިން ޖާގަ ލިބިގެންދާނެއެވެ.
ފިރިހެން ލީގުގެ އެއްވަނަ ނަގާފައިވަނީ މަޑުފެހި ސްޕޯޓްސްއިންނެވެ. ދެވަނައަށް ޕާކިން ޒޯން އެފްސީ ދިޔަ އިރު ތިންވަނައަށް ގޮސްގެން ސެމީގެ ފަހު ޖާގަ ކަށަވަރު ކުރީ އެރީ ކެޓީ ބޯއީސްއެވެ.
ޕާކިން ޒޯން އެފްސީ އާއި އެރީ ކެޓީ ބޯއީސް ބައްދަލު ކުރި ސެމީ ފައިނަލް މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރު ވެގެންނެވެ. ޕެނަލްޓީގައި 4-5 ގެ ނަތީޖާއަކުން ފައިނަލުގެ ޖާގަ ކަށަވަރު ކުރީ ކެޓީ ބޯއީސްއެވެ..
ފިރިހެން ލީގުގެ ފައިނަލް މެޗުގައި ދެ ޓީމުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެން ދިޔަ އިރު އެ މެޗުން 1-2 ގެ ނަތީޖާއަކުން މޮޅުވެފައިވަނީ މަޑުފެހި ސްޕޯޓްސްއެވެ.
މި މުބާރާތަކީ ބީއެސްއެސްއޭއިން ބިޒަންސް ސްކޫލްގެ ދަރިވަރުންނަށް ކިޔެވުމުގެ އިތުރުން އިތުރު ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ މުބާރާތާކެވެ. މީގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ ސްޓޫޑެންޓް އެސޯސިއޭޝަން (އެމް.އެން.ޔޫ.އެސް.ޔޫ) ގެ ފުޓްސަލް ފިއެސްޓާގައި ބައިވެރިވާ ބީއެސްގެ ޓީމަށް މޮޅު ކުޅުންތެރިން ފާހަގަ ކުރުމަކީވެސް މި މުބާރާތުގެ މުހިންމު މަގުސަދެކެވެ.
ބީއެސްއެސްއޭގެ އަމާޒަކީ އަންނަ އަހަރުވެސް މި މުބާރާތް މިއަށް ވުރެ ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމެވެ.





