ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ)ގެ މިޓާމުގެ 3 ވަނަ މޫވީ ނައިޓް 40 އަށްވުރެ ގިނަ ބައިވެރިންނާއެކު، ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
ސެޕްޓެމްބަރު 13 ވީ ހުކުރު ދުވަހުގެ ރޭ 20:00 ގައި އެފް.އީ އޮޑިޓޯރިއަމްގައި ބޭއްވިގެން ދިޔަ މި މޫވީ ނައިޓްގައި އަޅުވާފައިވަނީ މިއަހަރު ނެރެފައިވާ ފިލްމެއ ކަމަށްވާ ”ސްޓިންގް“އެވެ.
މި ފިލްމަކީ ގިނަ ބައެއްގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ 2024 ވަނަ އަހަރުގެ އެންމެ މަޤުބޫލު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ބިރުވެރި ވާހަކަ އެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.
މޫވީ ނައިޓްގެ ޓިކެޓު 10 ރުފިޔާއަށް ވިއްކާފައިވާއިރު އޮންލައިންކޮށް ޓިކެޓު ގަތުމުގެ ފުރުސަތުވެސް އޮތީ ހުޅުވާލާފައެވެ.
މޫވީ ނައިޓް ކުރިއަށް ދިޔަ ވަގުތު ކެންޓީނުގެ ހިދުމަތްތައް ވަނީ ފޯރުކޮށްދީފައެވެ. އެގޮތުން ފެނާއި، ގްރިލްޑް ސޮސެޖު ވަނީ ވިއްކާފައެވެ.
މި ހަރަކާތުގެ މަގްސަދަކީ ދަރިވަރުންނަށް އެކުވެރިންނާއެކު ވަގުތުކޮޅެއް ހޭދަ ކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ އިތުރުން ފެސާއިން ކުރިޔަށް ރާވާފައި ހުރި ހަރަކާތްތަކަށް ފައިސާ ހޯދުމެވެ.
ފެސާއިން އިތުރު ފަންޑްރައިޒިން ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާއިރު މިފަދަ އިވެންޓްތައް ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންދިޔުމުގެ މޭސްތިރިންނަކީ ހީވާގި އިސްވާރުންކަން ފާހަގަ ކޮށްލެވެއެވެ.
.






