ޝެޓްސް 3 ވީ 3 ފުޓްސަލް ޓޯނަމެންޓް 2024 ގެ ޗެމްޕިއަންކަން މާލި އެފް.ސީ އިން ހޯދައިފިއެވެ.
5 އޮކްޓޯބަރ 2024 ވީ ހޮނިހިރު ދުވަހު އެމް.އެން.ޔޫ ގެ ޕީ.އީ ހޯލުގައި ކުރިޔަށްދިއަ މިމުބާރާތުގެ ޗެމްޕިއަންކަން މާލި އެފް.ސީ އިން ހޯދީ ފަނަލުގައި 1-3 ގެ ނަތީޖާ އަކުން ކާލާ މަންނަ ބަލިކޮށްގެންނެވެ.
ޖުމުލަ 6 ޓީމާއެކު، ދެ ގުރޫޕަކަށް ބަހައިލައިގެން ކުރިއަށް ގެންދުވުނު މި މުބާރާތް ކުރިޔަށް ގެންގޮސްފައި ވަނީ ”ވަން ޑޭ ކަޕް“ އެއް ގޮތަށެވެ. މުބާރާތުގެ ގުރޫޕް ސުޓޭޖްގެ ހުރިހާ މެޗެއް އަދި ސެމީ ފައިނަލްގެ ދެ މެޗުގައި 7 މިނެޓުގެ ދެ ހާފު ކުޅެވިގެން ދިއައިރު ފައިނަލް މެޗްގައި ކުޅެވިގެން ގޮސްފައި ވަނީ 10 މިނެޓުގެ ދެ ހާފެވެ.
މި މުބާރާތަކީ އެފް.އެޗް.ޓީ.އެސް ގެ ދަރިވަރރުންނަށް ފުޓްސަލް ކުޅޭނެ ފުރުސަތު ތަނަވަސް ކޮށްދިނުމަށާއި ކުރިޔަށް އޮތް އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގައި ބައިވެރިވާ އެފް.އެޗް.ޓީ.އެސް ޓީމުގެ ތައްޔާރީތައް ފެށުމުގެ ގޮތުން ކުރިޔަށް ގެންދެވުނު މުބާރާތެކެވެ.
މުބާރާތުގައި ފޯރިގަދަ މެޗުތަކެއް ފެނިގެންދިޔައިރު އުންމީދީ އެތައް ކުޅުންތެރިންނެއް ވަނީ ފެނިގެން ގޮސްފައެވެ. މުބާރާތުގެ ގަދަ 3 ކުޅުންތެރިން ތެރޭގައި ހޮވިގެން ގޮސްފައި ވަނީ މާލި އެފް.ސީ ގެ މުހައްމަދު ނާހިލް އާއި ހަސަން ޒައިން މުއާޒުގެ އިތުރުން ކާލާ މަންނަ ޓީމުގެ މުހައްމަދު އުލްވާނެވެ. ޒައިން އަދި އުލްވާނު މި ދެ ކުޅުންތެރިންނަކީ އެފް.އެޗް.ޓީ.އެސް ގެ ކުރީގެ ދަރިވަރުންނެވެ. ގަދަ 3 ގައި ހިމެނުނު ނާހިލް އަކީ މި އަހަރު މުޅިން އަލަށް މުބާރާތުން ފެނިގެންދިއަ ކުޅުންތެރިއެކެވެ.
މި މުބާރާތް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2021 ވަނަ އަހަރު ޝެޓްސް އަދި ސޮސައިޓީ ފޯރ ޝަރިއާ އެންޑް ލޯ ގުޅިގެންނެވެ. ޝެޓްސް އިން ވަކިން މި މުބާރާތް ކުރިއަށް ގެންދަން ފެށީ 2022 ވަނަ އަހަރުއެވެ. މި އަހަރުގެ މުބާރަތަކީ ޝެޓްސް އިންތިޒާމްކޮށްގެން ކުރިއަށްގެންދެވުނު 3 ވަނަ މުބާރާތެވެ.






