ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ފުރަތަމަ ބައިނަލްއަޤްވާމީ ތަޖުރިބާ ދަތުރު ނިންމާލައިފި އެވެ.
22 ޖަނަވަރީ އިން 28 ޖަނަވަރީ 2025ގެ ނިޔަލަށް މެލޭޝިއާގެ ކުއާލާ ލަމްޕޫރަށް ކުރި މި ދަތުރުގައި ދަރިވަރުންގެ ޔޫނިއަންގެ 34 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި ދަތުރުގައި ޔޫނިއަންގެ ހިންގާ ކޮމިޓީގެ މެންބަރުންނާއި، ގޮފިތަކުގެ ހިންގާ ކޮމިޓީތަކުގެ މެންބަރުން އަދި ޔޫނިއަންގެ ލީޑަރުންނާއި އެޑްވައިޒަރީ ބޯޑުގެ މެންބަރުން ވަނީ ބައިވެރިވެފައެވެ.
މި ދަތުރުގައި މެލޭޝިއާގެ 3 ޔުނިވަރސިޓީއަކަށް ވަނީ ޒިޔާރަތްކޮށްފައެވެ. އެގޮތުން، އޭޝިއާ ޕެސިފިކް ޔުނިވަރސިޓީ، މެނޭޖްމަންޓް އެންޑް ސައިންސް ޔުނިވަރސިޓީ އަދި ޔުނިވަރސިޓީ ކެބަންގްސަން މެލޭޝިއާއަށް ވަނީ ޒިޔާރަތްކޮށްފައެވެ. މި ޒިޔާރަތްތަކުގައި އެ ޔުނިވަރސިޓީތަކުގައި ކިޔަވާ ދަރިވަރުންގެ ތަޖުރިބާތައް ވަނީ ޙިއްސާކޮށްފައެވެ. އަދި ޔުނިވަރސިޓީތަކުގެ ކިޔެވުމުގެ ނިޒާމު ބައްޓަންކުރެވިފައިވާ ގޮތްތައްވެސް ވަނީ ޙިއްސާކޮށްފައެވެ.
ޔުނިވަރސިޓީތަކުގެ އިތުރުން މި ދަތުރުގައި މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނަށް ވެސް ވަނީ ޒިޔާރަތްކޮށްފައެވެ. މި ޒިޔާރަތުގައި ދަރިވަރުންނަށް މަރުޙަބާ ދަންނަވާފައިވަނީ ހައި ކޮމިޝަނަރ ޑރ. މަރިޔަމް ޝަބީނާ އަޙްމަދާއި ހައި ކޮމިޝަނުގެ އިސްވެރިންނެވެ. ހައި ކޮމިޝަނުގެ މަސައްކަތްތައް ބައްޓަންކުރެވިފައި ހުންނަ ގޮތާއި، ދަރިވަރުންނަށް މެލޭޝިއާގައި ހުރި ފުރުޞަތުތަކާބެހޭ ގޮތުން ހައި ކޮމިޝަނުން ވަނީ ދަރިވަރުންނަށް މަޢުލޫމާތު ދެއްވާފައެވެ.
މެލޭޝިއާއަށް ކުރި މި ދަތުރުގައި މެލޭޝިއާގެ ޚާއްސަ ތަންތަނަށްވެސް ވަނީ ޒިޔާރަތްކޮށްފައެވެ. އެގޮތުން، މަޝްހޫރު ޕެޓްރޯނަސް ޓްވިން ޓަވަރާއި، ގެންޓިންގ ހައިލޭންޑްސް، ބަޓޫ ކޭވްސް، ބަޓިކް ފެކްޓަރީ އަދި ޗޮކްލެޓް ފެކްޓަރީއަށް ވަނީ ޒިޔާރަތްކޮށްފައެވެ.
އެމް.އެން.ޔޫ.އެސް.ޔޫގެ މި ތަޖުރިބާ ދަތުރުގެ އެންމެހައި ޚަރަދުތައް ބަލަހައްޓާފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، މެންހަޓަން ބިޒްނަސް ހޮޓެލް، އައިކެއާ، ދަމާސް، އަދި ޔޫނިއަނަށް ހެޔޮއެދޭ ފަރާތްތަކުން ފޯރުކޮށްދިން އެހީތެރިކަމުގެ ތެރެއިންނެވެ. ދަތުރުގެ ޓިކެޓުތައް ދަރިވަރުން އަމިއްލަ ޚަރަދުގައި ނަގާފައިވާއިރު، ދަތުރުގެ ކަންތައްތައް ހަމަޖެއްސުމުގައި ޔުނިވަރސިޓީގެ ޗާންސެލަރ، ވައިސް ޗާންސެލަރ، ޑެޕިއުޓީ ވައިސް ޗާންސެލަރުންނާއި، ޑީން އޮފް ސްޓޫޑަންޓްސް އަދި މެނޭޖްމަންޓްގެ އިސްވެރިންގެ ފަރާތުން އެހީތެރިކަން ވަނީ ލިބިފައެވެ.
އެމް.އެން.ޔޫ.އެސް.ޔޫއިން މުޅިން އަލަށްކުރި މި ތަޖުރިބާ ދަތުރަކީ ޔޫނިއަނުން މި އަހަރު ހިންގުމަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރެއިން އެންމެ ބޮޑު އެއް ޙަރަކާތެވެ. މި ދަތުރުގެ ތެރެއިން ދަރިވަރުންނަށް ވަރަށް ގިނަ ލައިފް ސްކިލްސްތައް ދަސްވެފައިވާއިރު، މިއީ ކާމިޔާބު ދަތުރެއްކަން ފާހަގަކޮށްލެވެއެވެ.






