ބިޒްނަސް ސްކޫލް ސްޓޫޑެންޓް އެސޯސިއޭޝަން (ބީ.އެސް.އެސް.އޭ) އިން އިންތިޒާމު ކޮށްގެން އަލަށް އެމްއެންޔޫ ބިޒްނަސް ސުކޫލަށް ގުޅުނު ދަރިވަރުންނަށް ހާއްސަ ކޮށްގެން ނިއު ލީޑާސް ޖޭމްސްގެ ނަމުގައި ކުރިއަށް ގެންދިޔަ ހަރަކާތަކާއެކު މާހެފުން ބާއްވައިފިއެވެ.
ނިއު ލީޑަރސް ޖޭމްސްގެ ނަމުގައި ކުރިއަށް ގެންދިޔަ ހަރަކާތަކީ ފާއިތުވެދިޔަ އަހަރުތަކުގައި ބީ.އެސް ގާލާ ނައިޓުގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތް ރީބްރޭންޑްކުރުމަށްފަހު ތައާރަފު ކުރެވުނު ހަރަކާތެކެވެ.
މިއަހަރުގެ ފުރަތަމަ ސެމިސްޓާރ އަށް އަލަށް ގުޅުނު ދަރިވަރުންނަށް ދައުވަތު ދީގެން ފެބްރުއަރީ 23 ވީ އާދިއްތަ ދުވަހު ބިޒްނަސް ސްކޫލު އޮޑިޓޯރިއަމްގައި ކުރިއަށް ގެންދިޔަ މިހަރަކާތުގައި މުޅި ޖުމްލަ 25 ދަރިވަރުންވަނީ ބައިވެރިވެފައިވެއެވެ.
މި ހަރަކާތުގައި މައިގަނޑުގޮތެއްގައި ކުރިއަށް ގެންދިޔައީ ތަފާތު ކުޅިވަރުތަކެކެވެ. މި ކުޅިވަރު ތަކުގެ މައިގަނޑު މަގްސަދަކީ އަލަށް ގުޅުނު ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާކޮށް، އެކަކު އަނެކަކަށް ތައާރަފުވެ، ދަރިވަރުންގެ ހުނަރުތައް ދެނެގަތުމެވެ.
މިހަރަކާތުގައި ކުޅިވަރުގެ އިތުރުން ބީއެސްއެސްއޭގެ އިސްވާރެއް ކަމުގައިވާ ގާނިމްގެ ފަރާތުން ޔުނިވާސިޓީގައި ކިޔަވަމުންދާއިރު ބޭނުންކުރެވިދާނެ ތަފާތު އުކުޅުތަކާއި އިބްރަތްތެރި ނަސޭހަތްތަކެއްވަނީ ދަރިވަރުންނަށް ފޯރުކޮށްދީފައެވެ.
މެންދުރު 14:00- 18:00 އަށް ދިގުދެމިގެންދިޔަ މި ހަރަކާތް ނިންމާލާފައިވަނީ މާހެފުމަކާއިއެކުއެވެ. މި މާހެފުމުގައި ކުރީގެ ބައެއް އިސްވާރުންވެސް ވަނީ ބައިވެރިވެފައެވެ.
މި ހަރަކާތް ކާމިޔާބު ކަމާއެކު ނިންމާލުމުގައި ބީ.އެސް.އެސް.އޭ ގެ އިސްވާރުންގެ ފަރާތުންވަނީ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައެވެ.





