ދިރާގު އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2025 ގެ ދެވަނަ ދުވަހުގެ ހަވީރު ކުޅުނު މެޗުތައް ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފް.އެޗް.އެސް) އަދި މޯލްޑިވްސް ބިޒްނަސް ސްކޫލް (އެމް.ބީ.އެސް) އިން ކާމިޔާބުކޮށްފިއެވެ.
އަންހެން ޑިވިޝަނުގެ ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒް (ސީ.އެފް.އެސް) އާ ވާދަކޮށް އެފް.އެޗް.އެސް އިން މެޗު ކާމިޔާބުކުރީ 2 – 0ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ގޯލު މެޗުގެ 10 ވަނަ މިނިޓުގައި ކާމިޔާބުކުރީ މެޗުގެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނު އެފް.އެޗް.އެސްގެ ޖަރޒީ ނަންބަރު 7 މަރިޔަމް ލަމާ ޢަބްދުﷲ އެވެ. އަދި މެޗުގެ 13 ވަނަ މިނިޓުގައި ދެވަނަ ގޯލު ކާމިޔާބުކުރީ އެފް.އެޗް.އެސްގެ ޖަރޒީ ނަންބަރު 2 ފާޠިމަތު ޒިޔާން އެވެ.
އަންހެން ޑިވިޝަނުގެ ގްރޫޕް ސީގެ ފުރަތަމަ މެޗު މޯލްޑިވްސް ބިޒްނަސް ސްކޫލް (އެމް.ބީ.އެސް) އިން ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (އެފް.އެޗް.ޓީ.އެސް)އާ ވާދަކޮށް ކާމިޔާބު ކުރީ 11 – 0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި އެމް.ބީ.އެސްގެ ޖަރޒީ ނަންބަރު 8 ޝައްމާ އަޙްމަދު އަދި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ހަމަ އެ ޓީމުގެ ޖަރޒީ ނަންބަރު 17 މަރިޔަމް މަލާކް ޝަކީބް ވަނީ ކޮންމެ ކުޅުންތެރިޔަކު 4 ގޯލު ޖަހާފައެވެ. އަދި އެ ޓީމުގެ ޖަރޒީ ނަންބަރު 10 ސަނިއްޔާ ޢަބްދުއްޞަމަދު ދެ ގޯލު ޖަހާފައިވާއިރު، ބާކީ ގޯލަކީ އެފް.އެޗް.ޓީ.އެސްގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
މި މަހުގެ 15 އިން 30ގެ ނިޔަލަށް ކުރިއަށްގެންދިޔުމަށްހަމަޖެހިފައިވާ މި މުބާރާތުގައި ޖުމުލަ 27 ޓީމު ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ރެހެންދި ދަނޑުގައެވެ.
މިއަހަރުގެ މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ ދިރާގެވެ. ކޯ-ސްޕޮންސަރަކީ ލިއެން ޝުއޭ ޝިން ނޫޑްލް ރެސްޓޯރެންޓެވެ. މުބާރާތުގެ ބޭންކިން ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އެވެ. މުބާރާތުގެ ކިޓް ޕާޓްނަރަކީ މެނީ މޯލްޑިވްސް އެވެ. އަދި މީޑިއާ ޕާޓްނަރަކީ ވޮއިސް ސްޕޯޓްސް އެވެ. މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އަދި އެލައިޑް އިންޝުއަރެންސް ހިމެނޭއިރު، މުބާރާތުގެ ޕާޓްނަރުންގެ ތެރޭގައި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން، ޔުނިވިޔަ، މާލެ ސިޓީ ކައުންސިލް އަދި އޮބިއޮން ހިމެނެއެވެ.






