ދިރާގު އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2025 ގައި ހޮނިހިރު ދުވަހު ކުޅުނު ފިރިހެން ޑިވިޝަނުގެ ގްރޫޕް އޭގެ މެޗުތައް މެޕްސް ކޮލެޖު އަދި ސްކޫލް އޮފް ނާރސިންގ (އެސް.އެން) އިން ކާމިޔާބުކޮށްފިއެވެ.
މިދިޔަ އަހަރުގެ ޗެމްޕިއަން އެމް.އައި ކޮލެޖުގެ މައްޗަށް މެޕްސް ކޮލެޖުން ކުރިހޯދީ 2 – 0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ގޯލު ޖެހީ މެޕްސް ކޮލެޖުގެ ޖަރޒީ ނަންބަރު 17 މުޙައްމަދު ރަޒާން އިބްރާހީމް ކަމަށްވާއިރު، ދެވަނަ ގޯލު ކާމިޔާބު ކުރީ މެޗުގެ މޮޅު ކުޅުންތެރިޔާ މެޕްސްގެ ޖަރޒީ ނަންބަރު 5 ޢަބްދުﷲ ހިޝާން އެވެ.
ސްކޫލް އޮފް ނަރސިންގ (އެސް.އެން) އިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދީ ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފް.އެޗް.އެސް)އާ ވާދަކޮށެވެ. މި މެޗު އެސް.އެން އިން ކާމިޔާބު ކުރީ 5 – 1ގެ ނަތީޖާއަކުން ކަމަށްވާއިރު މި މެޗުގައި އެސް.އެންގެ ޖަޒްލާން މާހިރު އަދި މުޙައްމަދު ޝާފިއު ވަނީ ދެ ގޯލު ޖަހާފައެވެ. އެސް.އެންގެ އަނެއް ގޯލު ޖަހާފައިވަނީ އަލީ އަނޫފް އެވެ. މި މެޗުގައި އެފް.އެޗް.އެސް އިން ކާމިޔާބުކުރި ހަމައެކަނި ގޯލު ޖަހާފައިވަނީ އަހްމަދު ލައްމާހު އިބްރާހީމް ކަމަށްވާއިރު މި މެޗުގެ މޮޅު ކުޅުންތެރިޔަކީ އެސް.އެންގެ ޖަރޒީ ނަންބަރު 16 މުޙައްމަދު ޝާފިއު އެވެ.
މި މަހުގެ 15 އިން 30ގެ ނިޔަލަށް ކުރިއަށްގެންދިޔުމަށްހަމަޖެހިފައިވާ މި މުބާރާތުގައި ޖުމުލަ 27 ޓީމު ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ރެހެންދި ދަނޑުގައެވެ.
މިއަހަރުގެ މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ ދިރާގެވެ. ކޯ-ސްޕޮންސަރަކީ ލިއެން ޝުއޭ ޝިން ނޫޑްލް ރެސްޓޯރެންޓެވެ. މުބާރާތުގެ ބޭންކިން ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އެވެ. މުބާރާތުގެ ކިޓް ޕާޓްނަރަކީ މެނީ މޯލްޑިވްސް އެވެ. އަދި މީޑިއާ ޕާޓްނަރަކީ ވޮއިސް ސްޕޯޓްސް އެވެ. މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އަދި އެލައިޑް އިންޝުއަރެންސް ހިމެނޭއިރު، މުބާރާތުގެ ޕާޓްނަރުންގެ ތެރޭގައި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން، ޔުނިވިޔަ، މާލެ ސިޓީ ކައުންސިލް އަދި އޮބިއޮން ހިމެނެއެވެ.






