ދިރާގު އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2025 ގައި ހޮނިހިރު ދުވަހު ކުޅުނު ފިރިހެން ޑިވިޝަނުގެ ގްރޫޕް ސީގެ މެޗުތައް އެމް.އެން.ޔޫ ބިޒްނަސް ސްކޫލް (އެމް.އެން.ޔޫ.ބީ.އެސް) އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް) އިން ކާމިޔާބުކޮށްފިއެވެ.
ގްރައުންޑް 1 ގައި ކުޅުނު މެޗު ވިލާ ކޮލެޖާ ވާދަކޮށް އެމް.އެން.ޔޫ.ބީ.އެސް އިން ކާމިޔާބު ކުރީ 3 – 0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެމް.އެން.ޔޫ.ބީ.އެސްގެ ޖަރޒީ ނަންބަރު 10 ދައްޔާން އަޙްމަދެވެ. މި މޮޅާއެކު ލިބުނު ޖުމްލަ ހަ ޕޮއިންޓާއެކު އެމް.އެން.ޔޫ.ބީ.އެސް ވަނީ ގްރޫޕް ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. ވިލާ ކޮލެޖު އޮތީ ތާވަލުގެ ދެވަނައިގައެވެ.
ގްރައުންޑް 2 ގައި ކުޅުނު މެޗު ސްކޫލް އޮފް މެޑިސިން (އެސް.އެމް)އާ ވާދަކޮށް އައި.ޔޫ.އެމް ކާމިޔާބުކުރީ 3 – 0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އައި.ޔޫ.އެމްގެ ޖަރޒީ ނަންބަރު 8 ނަޝަތު ނަސީމެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އައި.ޔޫ.އެމް އޮތީ ގްރޫޕް ތާވަލުގެ ތިންވަނައިގައެވެ. ގްރޫޕްގެ ހަތަރުވަނައިގައި އެސް.އެމް އަށް އަދި ޕޮއިންޓެއް ނުލިބެއެވެ.
މި މަހުގެ 15 އިން 30ގެ ނިޔަލަށް ކުރިއަށްގެންދިޔުމަށްހަމަޖެހިފައިވާ މި މުބާރާތުގައި ޖުމުލަ 27 ޓީމު ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ރެހެންދި ދަނޑުގައެވެ.
މިއަހަރުގެ މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ ދިރާގެވެ. ކޯ-ސްޕޮންސަރަކީ ލިއެން ޝުއޭ ޝިން ނޫޑްލް ރެސްޓޯރެންޓެވެ. މުބާރާތުގެ ބޭންކިން ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އެވެ. މުބާރާތުގެ ކިޓް ޕާޓްނަރަކީ މެނީ މޯލްޑިވްސް އެވެ. އަދި މީޑިއާ ޕާޓްނަރަކީ ވޮއިސް ސްޕޯޓްސް އެވެ. މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އަދި އެލައިޑް އިންޝުއަރެންސް ހިމެނޭއިރު، މުބާރާތުގެ ޕާޓްނަރުންގެ ތެރޭގައި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން، ޔުނިވިޔަ، މާލެ ސިޓީ ކައުންސިލް އަދި އޮބިއޮން ހިމެނެއެވެ.






