ދިރާގު އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2025 ގެ ފިރިހެން ޑިވިޝަނުގައި ބުދަދުވަހު ކުޅުނު ގްރޫޕް އޭގެ މެޗުތައް މެޕްސް ކޮލެޖު އަދި އެމް.އައި ކޮލެޖު ކާމިޔާބުކޮށްފިއެވެ.
ގްރައުންޑް 1 ގައި ކުޅުނު މެޗު އެމް.އައި ކޮލެޖުން ކާމިޔާބު ކުރީ ޕޮލިޓެކްނިކާ ވާދަކޮށް 3 – 2 ގެ ނަތީޖާއަކުންނެވެ. ފޯރިގަދަ މި މެޗުގެ ފުރަތަމަ ގޯލު މެޗުގެ 15 ވަނަ މިނިޓުގައި ކާމިޔާބު ކުރީ އެމް.އައި ކޮލެޖުންނެވެ. މި ގޯލު ޖަހާފައިވަނީ އެ ޓީމުގެ ޖަރޒީ ނަންބަރު 9 އަޙްމަދު ތޯހިރެވެ. މެޗުގެ 23 ވަނަ މިނިޓުގައި ޕޮލިޓެކްނިކްގެ ޖަރޒީ ނަންބަރު 7 މުޙައްމަދު އައިހަމް ވަނީ ގޯލެއްޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 32 ވަނަ މިނިޓުގައި އެމް.އައި ކޮލެޖުގެ ޖަރޒީ ނަންބަރު 30 ޙުސައިން ޝުޢައިބު ގޯލެއްޖަހާ ލީޑު ނަގާފައިވަނިކޮށް އޭގެ މިނިޓެއްފަހުން ޕޮލިޓެކްނިކުން ވަނީ އަނެއްކާވެސް ނަތީޖާ ހަމަހަމަކޮށްފައެވެ. މި ގޯލު ޖަހާފައިވަނީ ޕޮލިޓެކްނިކްގެ ޖަރޒީ ނަންބަރު 8 މުޙައްމަދު ހާއިޝް ޙަސަނެވެ. މި މެޗު ކާމިޔާބުކުރި ގޯލު އެމް.އައި ކޮލެޖަށް ޖަހާދިނީ މެޗުގެ 38 ވަނަ މިނިޓުގައި އެ ޓީމުގެ ޖަރޒީ ނަންބަރު 99 ޙަސަން ސާމެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެމް.އައި ކޮލެޖުގެ ޖަރޒީ ނަންބަރު 5 އިބްރާހީމް ނޫރައްދީނެވެ.
ގްރައުންޑް 2 ގައި ކުޅުނު މެޗުން މެޕްސް ކޮލެޖު މޮޅުވީ 1 – 0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ހަމައެކަނި ގޯލު 27 ވަނަ މިނިޓުގައި ޖަހާފައިވަނީ މެޕްސް ކޮލެޖުގެ ޖަރޒީ ނަންބަރު 30 އިބްރާހީމް ސަހާފް އާދަމެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މެޕްސް ކޮލެޖުގެ ޖަރޒީ ނަންބަރު 5 ޢަބްދުﷲ ހިޝާން އެވެ.
މި ނަތީޖާތަކާއެކު މި ގްރޫޕްގެ އެއްވަނައިގައި ނުވަ ޕޮއިންޓާއެކު އޮތީ މެޕްސް ކޮލެޖެވެ. ގްރޫޕްގެ ދެވަނައިގައި ތިން ޕޮއިންޓާއެކު ޕޮލިޓެކްނިކް އޮތްއިރު، ތިންވަނައިގައި އޮތް އެމް.އައި އަށް އަދި ހަތަރުވަނައިގައި އޮތް އެސް.އެން އަށް ވެސް ލިބިފައިވަނީ ހަމަ ތިން ޕޮއިންޓެވެ. ގްރޫޕްގެ ފުލުގައި އޮތް އެފް.އެޗް.އެސް އަށް އަދި ޕޮއިންޓެއް ނުލިބެއެވެ.
މި މަހުގެ 15 އިން 30ގެ ނިޔަލަށް ކުރިއަށްގެންދިޔުމަށްހަމަޖެހިފައިވާ މި މުބާރާތުގައި ޖުމުލަ 27 ޓީމު ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ރެހެންދި ދަނޑުގައެވެ.
މިއަހަރުގެ މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ ދިރާގެވެ. ކޯ-ސްޕޮންސަރަކީ ލިއެން ޝުއޭ ޝިން ނޫޑްލް ރެސްޓޯރެންޓެވެ. މުބާރާތުގެ ބޭންކިން ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އެވެ. މުބާރާތުގެ ކިޓް ޕާޓްނަރަކީ މެނީ މޯލްޑިވްސް އެވެ. އަދި މީޑިއާ ޕާޓްނަރަކީ ވޮއިސް ސްޕޯޓްސް އެވެ. މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އަދި އެލައިޑް އިންޝުއަރެންސް ހިމެނޭއިރު، މުބާރާތުގެ ޕާޓްނަރުންގެ ތެރޭގައި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން، ޔުނިވިޔަ، މާލެ ސިޓީ ކައުންސިލް އަދި އޮބިއޮން ހިމެނެއެވެ.






