ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އާއި އެމް.އެން.ޔޫ.އެސް.ޔޫގެ ގޮފި ސޮސައިޓީ ފޯރ ޝަރިޢާ އެންޑް ލޯ (އެސް.އެސް.އެލް) ގުޅިގެން ރަމަޟާން މަހު ކުރިއަށް ގެންދާ އެމް.އެން.ޔޫ.އެސް.ޔޫ – އެސް.އެސް.އެލް ޤުރްއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ސިލްލިލާކޮށް ކޮންމެ އަހަރަކު ބޭއްވޭ މި މުބާރާތުގެ 13 ވަނަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވުނުއިރު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެންމެހާ ދަރިވަރުންގެ އިތުރުން، އެހެން ކޮލެޖް/ޔުނިވަރސިޓީ އަދި މަތީ ސާނަވީ ސްކޫލްތަކަށް ނިސްބަތްވާ ދަރިވަރުންނަށްވެސް މި މުބާރާތުގައި ބައިވުމުގެ ފުރުސަތު ފަހިވެފައިވާނެއެވެ. މި އަހަރުގެ މުބާރާތުގައި މުޅިން އަލަށް މަތީ ސާނަވީގެ ދަރިވަރުންނަށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލިއިރު، އެހެނިހެން ކޮލެޖް/ޔުނިވަރސިޓީތަކަށް ހުޅުވައިލައިގެން މި މުބާރާތް ބޭއްވޭ މިއީ ދެވަނަ ފަހަރެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ އެމް.އެން.ޔޫގެ ދަރިވަރުންނަށް އެސްއެސްއެލްގެ ޕޭޖުގައިވާ ގޫގްލް ފޯމް ފުރައިގެން ބައިވެރިވެވޭނެއެވެ. އެހެން ކޮލެޖް/ޔުނިވަރސިޓީތަކުގެ ދަރިވަރުން އެ ދަރިވަރަކު ނިސްބަތްވާ ކޮލެޖް/ޔުނިވަރސިޓީއެއްގެ ދަރިވަރުންގެ ޖަމިއްޔާ މެދުވެރިކޮށް ނަން ފޮނުވައިގެން އަދި މަތީ ސާނަވީ ސްކޫލުތަކުގެ ދަރިވަރުންނަށްވެސް، އެ ދަރިވަރެއް ނިސްބަތްވާ ސްކޫލް މެދުވެރިކޮށް ނަން ފޮނުވައިގެން މި މުބާރާތުގައި ބައިވެރިވެވޭނެއެވެ.
މި އަހަރުގެ ޤުރުއާން މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބުރުވަރީރީ މަހުގެ 23-26 އަށެވެ. މުބާރާތުގައި ބަލައިގެން ކިޔެވުން އަދި ނުބަލައި ކިޔެވުމުގެ ފުރުސަތު ބައިވެރިންނަށް ވަނީ ހުޅުވާލެވިފައެވެ. ބަލައިގެން ކިޔެވުމުގެ މުޤައްރަރަކީ ފުރަތަމަ 15 ފޮތް ނުވަތަ ފަހު 15 ފޮތުންކުރެ އެ ބައިވެރިއަކު އިޚްތިޔާރުކުރާ ކޮޅެކެވެ. ހިތުން ކިޔެވުމުގެ މުޤައްރަރަކީ ފަހު 3 ފޮތް އެކަންޏެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ މިމަހުގެ 22 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށެވެ.
މުބާރާތުގެ ޤަވާޢިދު އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ލިންކު އެސް.އެސް.އެލް ގެ ފޭސްބުކް ޕޭޖުގައި ހިއްސާކުރެވިފައިވާނެއެވެ.





