ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯ (އެސް.އެސް.އެލް) އިން 1447 ވަނަ އަހަރުގެ ރަމަޟާން މަހާ ގުޅުވައިގެން، ދީނީ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ޚާއްޞަ ވީޑިއޯ ސިލްސިލާއެއް ގެނެސްދީފިއެވެ.
ރަމަޟާން މަހުގެ ފަހު ފަނަރައިގެ ދުވަސްތަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ސިލްސިލާގައި ޖުމްލަ 6 ވީޑިއޯއެއް ވަނީ އާންމުކޮށްފައެވެ.
މި ވީޑިއޯ ސިލްސިލާއަކީ ރަމަޟާން މަހުގެ ތެރޭގައި އާންމުންނަށް އެނގުން މުހިންމު މަޢުލޫމާތުތަކާއި، ރޯދައިގެ އަޅުކަމާ ގުޅޭގޮތުން ދިމާވާ އެކި ފިޤުހީ މައްސަލަތަކަށް އާންމުން ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި ތައްޔާރުކޮށްފައިވާ ސިލްސިލާއެކެވެ. މި ވީޑިއޯތައް އެސް.އެސް.އެލް ގެ ރަސްމީ މީސްމީޑިއާ މަންސަތައް ކަމަށްވާ ފޭސްބުކް، އިންސްޓަގްރާމް އަދި ޓިކްޓޮކް މެދުވެރިކޮށް މިހާރު ބަލާލެވޭނެއެވެ.


މި ސިލްސިލާގައި މަޢުލޫމާތު ފޯރުކޮށްދެއްވާފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައި.ޔޫ.އެމް) ގައި މަސައްކަތްކުރައްވާ، މި ދާއިރާގެ ފުންނާބުއުސް ބޭފުޅުންނެވެ.






