

މި މުބާރާތް މިދިޔަ ތިން އަހަރު ވެސް ކާމިޔާބު ކޮށްފައިވަނީ އެސް.އެން އެވެ. އެ ތިން ފަހަރުވެސް އެސް.އެން ބައްދަލުކުރީ އެމް.އެން.ޔޫ.ބީ.އެސް އާއެވެ.
މި ފަހަރުގެ މުބާރާތުގެ ފައިނަލުން އެސް.އެން ޖާގަ ހޯދީ އަންގާރަ ދުވަހު ހަވީރު، ސެމީ ފައިނަލުގައި ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ.
ކޯޗު ޝުއައިބް އަހުމަދުގެ އިރުޝާދުގެ ދަށުން ކުޅޭ އެސް.އެން ގެ ފަރާތުން މި މެޗުގައި ވެސް ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގައި އެސް.އެންގެ ތަފާތަކަށްވީ، ކެޕްޓަން މަނާލް އިސްމާއިލް ރަޝީދު، މަރްޔަމް ޝަހާ އަދި މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިބާ އަބްދުﷲ އެވެ.
މި މެޗުގެ ސެޓުތައް އެސް.އެން އިން ގެންދިޔައީ، 25-23، 25-19 އަދި 25-15 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެސް.އެންގެ ކެޕްޓަން މަނާލް އެވެ.
ބީ.އެސް އިން މި ފަހަރުގެ މުބާރާތައް ނުކުތީ ސްކޮޑަށް ބޮޑެތި ބަދަލުތަކެއް ގެނަސްގެންނެވެ. ސްކޮޑްގެ އިތުރުން ބީ.އެސް އިން މި ފަހަރުގެ މުބާރާތައް ނުކުތީ، ރަފްހާން އިބްރާހީމްގެ އިރުޝާދުގެ ދަށުންނެވެ.
މީގެ އިތުރުން އެމް.އެން.ޔޫ.ބީ.އެސް އިން ފައިނަލަށް ދަތުރުކުރީ، ސެމީ ފައިނަލުގައި ފެކަލްޓީ އޮފް ހެލްތް ސައިންސް (އެފް.އެޗް.އެސް) ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ.
ބީ.އެސްގެ މިޝްކާ އަބްދުލް ހަލީމް އަދި އައިޝަތު ނަޝްމާ އަހުމަދުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ.
ސެމީ ފައިނަލުގައި ބީ.އެސް އިން އެފް.އެޗް.އެސް ބަލިކުރީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ، 25-20. 25-13 އަދި 25-16 އިންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބީ.އެސްގެ މިޝްކާ އެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު އެވެ.
މި އަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރަކީ ވެސްޓްރޭޑެވެ. މީގެ އިތުރުން ޑިޖިޓަލް ސްޕޮންސަރުގެ ގޮތުގައި ދިރާގު ހިމެނެ އެވެ.




