ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން މި އަހަރު ކުރިއަށް ގެންދިޔަ އިންޓާރ-ފެކަލްޓީ ވޮލީބޯޅަ މުބާރާތުން އެމް.އެން.ޔޫ ބިޒްނަސް ސްކޫލް (އެމް.އެން.ޔޫ.ބީ.އެސް) ގެ ދެ ޓީމުން ކުރި ހިތްވަރު ފާހަގަކޮށްފިއެވެ.
އެމް.އެން.ޔޫ.ބީ.އެސްގެ ޓީމުން ވަނީ މިފަހަރުވެސް މުބާރާތުގެ އަންހެން ޑިވިޝަންގެ ދެވަނަ ޙާޞިލްކޮށް، ފިރިހެން ޑިވިޝަންއިން ސެމީ ފައިނަލްގައި ވާދަކޮށްފައެވެ. އެހެންކަމުން، މިދެޓީމުން ކުރި ހިތްވަރު ފާހަގަކުރުމަށް ޓަކައި، ބީއެސްއެސްއޭއިން ވަނީ މަރުހަބާ ކިޔުމުގެ ޙަފްލާއެއް ބާއްވާފައެވެ.
އެމް.އެން.ޔޫ ބިޒްނަސް ސްކޫލްގެ ކްލާސްރޫމެއްގައި، އޭޕްރީލް 11ވީ ހޮނިހިރު ދުވަހުގެ ރޭގަނޑު ބޭއްވިގެންދިޔަ މި ޙަފްލާ ޝަރަފުވެރި ކޮށްދެއްވީ އެމް.އެން.ޔޫ.ބީ.އެސްގެ ޑީން އާއިޝަތު ޝާހީންއެވެ. ޑީން ވަނީ ދެ ޓީމުގެ ހުރިހާ ކުޅުންތެރިންނާއި، އޮފިޝަލުން އަދި ކޯޗުންގެ އިތުރުން ބީ.އެސް.އެސް.އޭ ހިންގާ ކޮމެޓީގެ މެމްބަރުންނާއި ސަޕޯޓަރުން ކުރެއްވި ބުރަ މަސައްކަތަށް ތަޢުރީފު ކޮށްފައެވެ.
މި ޙަފްލާގައި ކުޅުންތެރިންވަނީ މި މުބާރާތުގައި ނެރެވުނު ނަތީޖާއާއި މެދު ދެކޭގޮތް ހާމަކޮށްފައެވެ. މީގެއިތުރުން، ދެޓީމުގެ ކޯޗު ވަނީ ޓީމާއި މުޚާތަބުކޮށް، ޓީމްގެ ކުޅުމާއި ބެހޭގޮތުން ގިނަ ކަންކަން ފާހަގަ ކޮށްފައެވެ. މި ހަފްލާ ނިމިގެން ދިޔައީ ބީއެސްއެސްއޭއިން ތައްޔާރުކުރި ކެއުމަކުންނެވެ.
އެމް.އެން.ޔޫ.ބީ.އެސްގެ ދެޓީމުގެ އަދި މެނޭޖްމެންޓްގެ އުންމީދަކީ އަންނަ އަހަރު އާ ހިތްވަރަކާއި އަޒުމަކާއިއެކު އެމްއެންޔޫއެސްޔޫ އިންޓާރ-ފެކަލްޓީ ވޮލީބޯޅަ މުބާރާތުގައި ވާދަކުރުމެވެ. އެމްއެންޔޫބީއެސްއަކީ ވޭތުވެދިޔަ ވޮލީ މުބާރާތްތަކުގައި ވެސް ވާދަވެރި ކުޅުމެއް ދައްކާ ޓީމެއްކަން ފާހަގަ ކޮށްލެވެއެވެ.





