

މިފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް ދިރާގު ހަމަޖައްސާ، އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އާދިއްތަ ދުވަހުގެ ރޭ ދިރާގު ހެޑް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ. މި އެއްބަސްވުމުގައި ޔޫނިއަންގެ ފަރާތުން ސޮއިކުރެއްވީ، މުބާރާތުގެ ހިންގާ ކޮމިޓީގެ ރައީސް އަދި ޔޫނިއަންގެ ނައިބު ރައީސް އަޙްމަދު ސަމީޙު އަދި މުބާރާތުގެ ހިންގާ ކޮމިޓީގެ ނައިބު ރައީސް އަދި ޔޫނިއަންގެ ރައީސް މުޙައްމަދު ޢަޔާޝް ޢަލީއެވެ. އަދި ދިރާގުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ އެކުއިޒިޝަން އެންޑް ގުރޯތު މެނޭޖަރ، އާމިނަތު ޝޫޒާ އަދި ބްރޭންޑް އެންޑް އިވެންޓްސް މެނޭޖަރ ނާޔާ ޝަރީފްއެވެ.
ދިރާގަކީ ދަރިވަރުންގެ ޔޫނިއަން އިން ބާއްވާ ގިނަ ހަރަކާތްތަކެއްގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ފަރާތެކެވެ. އެގޮތުން، މީގެ ކުރީ އަހަރުތަކެއްގައިވެސް ދިރާގުން ވަނީ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ ބޭއްވުމަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.
މިއަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 01 ވަނަ ދުވަހުއެވެ. އަންހެން އަދި ފިރިހެން ޑިވިޝަނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ އަކީ ދިވެހިރާއްޖޭގެ މަތީ ސާނަވީ ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ޙަރަކާތެވެ. މި އަހަރުގެ މުބާރާތުގައި ދެ ޑިވިޝަނުން ޖުމުލަ 31 ޓީމު ބައިވެރިވެފައިވެއެވެ.
މި އަހަރުގެ މުބަރާތުގެ ލައިފް ސްޓައިލް ޕާރޓްނަރެއްގެ ގޮތުގައި އީޒެޕް، އެސޯސިއޭޓް ޕާރޓްނަރަކަށް ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން، މީޑިއާ ޕާރޓްނަރަކަށް ވޮއިސް، އަދި ސްޕޮންސަރެއްގެ ގޮތުގައި ތޫލް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ރާވާ އިންތިޒާމު ކުރަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިންނެވެ.




