ފައިނަލްގައި އެފް.އެޗް.ޓީ.އެސް އާއި ވާދަކޮށް ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން މެޕްސް ކޮލެޖުން ހޯދައިފިއެވެ.
މިދިޔަ އަހަރުވެސް ފައިނަލްގައި ކުޅުނު އެފް.އެޗް.ޓީ.އެސް މެޕްސް ކޮލެޖުން ބަލިކުރީ 2-1 ތަފާތުންނެވެ. މިމެޗުގައި މެޕްސް ކޮލެޖުގެ ދެލަނޑު ސަމަޚް ޝަރީފު ޖަހައިދީފައިވާއިރު އެފް.އެޗް.ޓީ.އެސްގެ ލަނޑު ޖެހީ އަހްމަދު ޙުނައިފެވެ. އަދި މެޗުގައި އެންމެ މޮޅު ކުޅުމެއްދެއްކީ މެޕްސް ކޮލެޖުގެ ޖާރޒީ ނަންބަރ 9 އަފްރާހް މުހައްމަދެވެ.
މުޅި މުބާރާތަށް ބަލާއިރު އެންމެ ގިނަ ލަނޑުޖަހާ “ ޓޮޕް ސްކޯރަރ އެވޯޑު“ ފިރިހެން ޑިވިޝަނުން ހާސިލްކުރީ ސައިރިކްސް ކޮލެޖުގެ ޖާރޒީ ނަންބަރ 10، އަހުމަދު ސާމިޙް އާއި އެފް.އެޗް.ޓީ.އެސްގެ ޖާރޒީ ނަންބަރ 9 އަޙްމަދު ހުނައިފްއެވެ. އަދި “ ބެސްޓް ކޯޗް“ ލިބިފައިވަނީ އެވިޑް ކޮލެޖުގެ ކޯޗަށެވެ. މި އެވޯޑުތައް ހަވާލުކޮށްދެއްވީ އެމް.އެން.ޔޫގެ ޑީން އޮފް ސްޓޫޑެންޓްސް ނާދިޔާ އަހުމަދެވެ.
މުބާރާތުގެ އެންމެ މޮޅު ފިރިހެން 5 ކުޅުންތެރިންނަށް ހޮވިފައިވަނީ:
އެފް.އެޗް.ޓީ.އެސްގެ ޖާރޒީ ނަންބަރ 2، ރިޝްވާން އަބްދުއްރަޙްމާން
އެފް.އެޗް.ޓީ.އެސްގެ ޖާރޒީ ނަންބަރ 7، ޢަބްދުލްވާޙިދު އިބްރާހިމް
އެފް.އެޗް.ޓީ.އެސްގެ ޖާރޒީ ނަންބަރ 9، އަޙްމަދު ޙުނައިފް
މެޕްސް ކޮލެޖްގެ ޖާރޒީ ނަންބަރ 10، ސަމަހް ޝަރީފް
އެމް.އެން.ޔޫ.ބީ.އެސްގެ ޖާރޒީ ނަންބަރ 7، މުޙައްމަދު ރިލްވާން
އަދި އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މެޕްސް ކޮލެޖުގެ ޖާރޒީ ނަންބަރ 9 އަފްރާޙް މުޙައްމަދެވެ. މި އެވޯޑުތައް ހަވާލުކޮށްދެއްވީ އެމް.އެން.ޔޫ ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ. މުޢާވިޔަތު މުޙައްމަދެވެ. މީގެ އިތުރުން ފެޔާރ ޕްލޭ ޓީމަކަސް ހޮވުނު ސައިރިކްސް ކޮލެޖަށް އިނާމު ޙަވާލުކޮށްދެއްވީ އެމް.އޭ.ސީ.އެލްގެ މެކޭނިކަލް އިންޖީނިއަރ ޢަލީ ރަމީޒެވެ.
މިޑިވިޝަނުގެ ޗެމްޕިއަން ޓީމް މެޕްސް ކޮލެޖު އަދި ރަނަރއަޕް ޓީމް އެފް.އެޗް.ޓީ.އެސް އަށް މެޑަލް، ފައިސާގެ އިނާމު އަދި ޓްރޮފީ ޙަވާލުކޮށްދެއްވީ އެމް.އެން.ޔޫ ވައިސް ޗާންސެލަރ ޑރ. އަލީ ފަވާޒް ޝަރީފެވެ.
މުބާރާތުގެ ސަޕޯޓަރުންނަށް ހާއްސަކޮށްގެން މިމުބާރާތުގެ ޕާޓުނަރެއް ކަމުގައިވާ ”މޯލްޑިވިއަން“ އިން ހާއްސަ ލަކީ ޑުރޯއެއްވަނީ ކުރިއަށް ގެންގޮސްފައެވެ. މިލަކީ ޑުރޯގެ ނަސީބުވެރިޔަކަށް ހޮވުނު ދެފަރާތަކީ ފާޓިމަތު މާޔާ އަދި ރައުޝާ އަލީއެވެ. މި ދެފަރާތަށްވަނީ ”މޯލްޑިވިއަންގެ ބޭނުން ޑެސްޓިނޭޝަން“ އަކަށް ދިޔުމުގެ ޓިކެޓް ހަވާލުކޮށްފައެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ އަކީ އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ އެންމެ ބޮޑު އެއް ޙަރަކާތެވެ. މިއީ މި މުބާރާތް މިގޮތަށް ބޭއްވޭ 6 ވަނަ ފަހަރުކަމަށްވާއިރު، ފާއިތުވެދިޔަ 5 އަހަރުވެސް މެދުކެނޑުމެއްނެތި މި މުބާރާތްވަނީ އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން ބާއްވާފައެވެ. މިއަހަރުގެ މުބާރާތް ކުރިއަށްދާނީ 02 އޯގަސްޓް 2018ން ފެށިގެން 18 އޯގަސްޓް 2018 އަށެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޓްރެފިކް ޕޮލިސް ކުރިމަތީގައި އެކުވެނި ސްޕޯޓްސް ކޮމްޕްލެކްސްގައި އޮންނަ ވެލި ދަނޑުގައެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އުފެދުނުފަހުން ކޮންމެ އަހަރަކުވެސް ބާއްވާ މި މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ ”ދިރާގު“ އެވެ. މުބާރާތުގެ ރަސްމީ މީޑިއާ ޕާޓްނަރ އަކީ އެމް.އެން.ޔޫ.އެސް.ޔޫގެ ރަސްމީ މީޑިއާ ޕާޓްނަރ ”ސަން މީޑިއާ ގްރޫޕް“އެވެ. ކޯ-ސްޕޮންސަރުންނަކީ ”ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)“ އާއި ”މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)“ގެ އިތުރުން ”މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)“ އެވެ. މީގެ އިތުރުން ޕާޓްނަރުންގެ ގޮތުގައި ”ލިޓަސް އޮޓޯމޮބައިލްސް“، ”މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން“، ”ފިއުލް ސަޕްލައި މޯލްޑިވްސް (އެފް.އެސް.އެމް)“، ”މޯލްޑިވް ގޭސް“، ”އެމް.ޓީ.ސީ.ސީ“، ”އެލައިޑް އިންޝުއަރެންސް ކޮމްޕެނީ“، ”އެމް.ޑަބްލިއު.އެސް.ސީ“، ”ވެމްކޯ“ އަދި ”މޯލްޑިވިއަން“ ހިމެނެއެވެ. މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރަކީ ”ޕްރިންޓްލެބް“ އެވެ.
ލިޔުނީ: ފާތިމަތު ޒަހްރާ (އެމް.އެން.ޔޫ.އެސް.ޔޫ، މީޑިއާ ޓީމް)