ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން ބާއްވާ 8 ވަނަ އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ މެޗު ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އިން ކާމިޔާބުކޮށްފިއެވެ.
މިއަހަރުގެ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އަދި ސްކޫލް އޮފް މެޑިސިން (އެސް.އެމް)އެވެ. މި މެޗު ސީދާ 2 ސެޓުން ކާމިޔާބުކޮށްފައި ވަނީ އެފް.އީ އިންނެވެ. މި މެޗްގެ ސެޓުތައް އެފް.އީ އިން ގެންދިޔައީ 25-19 އަދި 25-15 ގެ ނަތިޖާއަކުންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޖަރޒީ ނަންބަރު 2 މަރިޔަމް ނަޖާއެވެ.


މުބާރާތުގެ ދެވަނަ ދުވަހުގެ ފުރަތަމަ މެޗު ފަށަން ހަމަޖެހިފައިވަނީ ހޮނިހިރުދުވަހު ހަވީރު 15:00ގައެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތަކީ 2015 ވަނަ އަހަރުން ފެށިގެން ސިލްސިލާގޮތެއްގައި މެދުކެނޑުމެއްނެތި ކޮންމެ އަހަރަކު ބާއްވަމުން އަންނަ މުބާރާތެކެވެ. މިއަހަރު މި ބޭއްވެނީ މިފަދަ 8 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި އީސްޓޭޓް ކޮންސްޓްރަކްޝަން ސޮލިއުޝަންސް، އެންޒީ، އޭވް އަދި އޮއޭސެސް ހިމެނެއެވެ. މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރ އަކީ ކުލަ މޯލްޑިވްސް އެވެ. އަދި އޮންލައިން މީޑިއާ ޕާޓްނަރ އަކީ ސަން މީޑިއާ ގްރޫޕެވެ.