ދަރިވަރުންގެ މެދުގައި ބާއްވާ ދެވަނައަށް އެންމެ ބޮޑު މުބާރާތުގެ ތިން ވަނަ ދުވަހުގެ އަންހެން ޑިވިޝަންގެ މެޗުތައް ކުޅެފިއެވެ. މިރޭގެ މެޗުތަކުން ސްކޫލް އޮފް ނާރސިންގ (އެސް.އެން ) އަދި ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީ.އެފް.އެސް) އިން ވަނީ ރަނގަޅު ކުޅުމެއް ދައްކައި މެޗުތަކުން މޮޅުވެފައެވެ.
އަންހެން ޑިވިޝަނުގައި އާދިއްތަ ދުވަހުގެރޭ ކުޅުނު ފުރަތަމަ މެޗުގައި ވާދަކުރީ ސްކޫލް އޮފް ނަރސިންގ (އެސް.އެން) ގެ ޓީމާއި ސްކޫލް އޮފް މެޑިސިން (އެސް.އެމް) ޓީމެވެ. މި މެޗުގެ ފުރަތަމަ ސެޓު އެސް.އެން އިން ކާމިޔާބުކުރީ ފަސޭހަކަމާއެކު 25-0 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ ސެޓު ވެސް އެސް.އެން އިން ގެންގޮސްފައި ވަނީ 25-03 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި މޮޅުކުޅުންތެރިޔާގެ މަގާމު ހާސިލްކުރީ އެސް.އެންގެ ޖާޒީ ނަންބަރު 17، ހަފީޒާ ޒުބައިރެވެ.
އަންހެން ޑިވިޝަނުގެ ގްރޫޕް ބީގެ ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީ.އެފް.އެސް)އާއި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ (އެފް.އެސް.އެލް) ވާދަކުރި މެޗު ސީ.އެފް.އެސް އިން ކާމިޔަބު ކުރީ ސީދާ 2 ސެޓުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓު ސީ.އެފް.އެސް އިން ކާމިޔާބު ކުރީ25-19ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ ސެޓު ކާމިޔާބުކުރީ 25-06ގެ ނަތީޖާއަކުންނެވެ. މިމެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިގެންދިޔައީ ސީ.އެފް.އެސް ޓީމުގެ ޖާރޒީ ނަންބަރު 11، އައިޝަތު ލައިޝާއެވެ.


އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތަކީ 2015 ވަނަ އަހަރުން ފެށިގެން ސިލްސިލާގޮތެއްގައި މެދުކެނޑުމެއްނެތި ކޮންމެ އަހަރަކު ބާއްވަމުން އަންނަ މުބާރާތެކެވެ. މިއަހަރު މި ބޭއްވެނީ މިފަދަ 8 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި އީސްޓޭޓް ކޮންސްޓްރަކްޝަން ސޮލިއުޝަންސް، އެންޒީ، އޭވް އަދި އޮއޭސެސް ހިމެނެއެވެ. މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރ އަކީ ކުލަ މޯލްޑިވްސް އެވެ. އަދި އޮންލައިން މީޑިއާ ޕާޓްނަރ އަކީ ސަން މީޑިއާ ގްރޫޕެވެ.






