އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލަށް އެފް.އެޗް.އެސް ދަތުރުކޮށްފިއެވެ.
ފިރިހެން ޑިވިޝަންގައި އަލުން ކުޅެން ޖެހުނު މެޗުގައި އެފް.އެޗް.އެސް އާއި އެމް.އެން.ޔޫ.ބީ.އެސް ބައްދަލުކޮށް މެޗު އެފް.އެޗް.އެސް އިން ނެގީ ސިދާ 2 ސެޓުންނެވެ. ފޯރިގަފަ މި މެޗުގެ ސެޓުތައް ގެންދިޔައީ 25-15 އަދި 30-28 ންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ އެފް.އެޗް.އެސްގެ ޖަރޒީ ނަންބަރު 06، ހަސަން ޝާމެވެ.
މި މެޗުގެ ނަތީޖާއާއެކު ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލް މެޗުތައް ވަނީ ޔަގީންވެފައެވެ. ފުރަތަމަ ސެމީ ފައިނަލުގައި ބައްދަލުކުރާނީ ގްރޫޕް އޭގެ އެއްވަނަ ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ އަދި ގްރޫޕް ބީގެ ދެވަނަ ފެކަލްޓީ އޮފް ހެލްތު ސައިންސަސް އެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ބީގެ އެއްވަނަ ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް އަދި ގްރޫޕް އޭގެ އެއްވަނަ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒެވެ.
ސެމީ ފައިނަލް ކުޅެން ހަމަޖެހިފައިވަނީ 18 މާރިޗްވާ ހުކުރު ދުވަހެވެ. ފިރިހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް ފަށަން ހަމަޖެހިފައިވަނީ ހުކުރުދުވަހުގެރޭ 07.00ގައެވެ. މެޗުތައް ކުޅޭނީ އެމް.އެން.ޔޫ ޕީ.އީ ހޯލުގައެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތަކީ 2015 ވަނަ އަހަރުން ފެށިގެން ސިލްސިލާގޮތެއްގައި މެދުކެނޑުމެއްނެތި ކޮންމެ އަހަރަކު ބާއްވަމުން އަންނަ މުބާރާތެކެވެ. މިއަހަރު މި ބޭއްވެނީ މިފަދަ 8 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި އީސްޓޭޓް ކޮންސްޓްރަކްޝަން ސޮލިއުޝަންސް، އެންޒީ، އޭވް އަދި އޮއޭސެސް ހިމެނެއެވެ. މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރ އަކީ ކުލަ މޯލްޑިވްސް އެވެ. އަދި އޮންލައިން މީޑިއާ ޕާޓްނަރ އަކީ ސަން މީޑިއާ ގްރޫޕެވެ.