ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން ބާއްވާ ދެވަނައަށް އެންމެ ބޮޑު މުބާރާތްކަމުގައިވާ އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯލް މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލަށް ފެކަލްޓީ އޮފް ހެލްތު ސައިންސް (އެފް.އެޗް.އެސް) ބަލިކޮށް ފެކަލްޓީ އޮފް އިންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓު) ދަތުރުކޮށްފިއެވެ.
މީގެ ކުރިން 2019 ވަނަ އަހަރު ފެސްޓުން ވަނީ މި މުބާރާތުގެ ފައިނަލުގައި ވާދަކޮށްފައެވެ. އެކަމަކު އެފަހަރުގެ ފައިނަލުގައި ފެސްޓުގެ މައްޗަށް ކުރިހޯދާފައިވަނީ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (އެފް.އެޗް.ޓީ.އެސް) އެވެ.
ހުކުރު ދުވަހުގެރޭ އެމް.އެން.ޔޫ ޕީ.އީ ހޯލުގައި ކުޅުނު ފިރިހެން ޑިވިޝަނުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗު ފެސްޓުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.
މި މެޗުގެ ފުރަތަމަ ސެޓުގައި ފެސްޓުން ވަނީ ތަފާތު މޮޅަށް ކުޅެފައެވެ. އެގޮތުން ފެސްޓުން މި ސެޓު ގެންދިޔައީ 25-10 އިންނެވެ.


މެޗުގެ ދެވަނަ ސެޓު އަދި ތިންވަނަ ސެޓުގައި ވެސް ފެސްޓުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ދެވަނަ ސެޓު އަދި ތިންވަނަ ސެޓު ފެސްޓުން ގެންދިޔައީ 25-13 އިންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފެސްޓުގެ ޖާޒީ ނަމްބަރު ނުވައެއް އުމަރު ފާރޫޤް އެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތަކީ 2015 ވަނަ އަހަރުން ފެށިގެން ސިލްސިލާގޮތެއްގައި މެދުކެނޑުމެއްނެތި ކޮންމެ އަހަރަކު ބާއްވަމުން އަންނަ މުބާރާތެކެވެ. މިއަހަރު މި ބޭއްވެނީ މިފަދަ 8 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި އީސްޓޭޓް ކޮންސްޓްރަކްޝަން ސޮލިއުޝަންސް، އެންޒީ، އޭވް އަދި އޮއޭސެސް ހިމެނެއެވެ. މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރ އަކީ ކުލަ މޯލްޑިވްސް އެވެ. އަދި އޮންލައިން މީޑިއާ ޕާޓްނަރ އަކީ ސަން މީޑިއާ ގްރޫޕެވެ.






