ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން އިންތިޒާމުކޮށްގެން ބޭއްވި ”އެމް.އެން.ޔޫ.އެސް.ޔޫ ބަހުސް މުބާރާތް 2022″ގެ ޗެމްޕިއަންކަން އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް) އިން ހޯދައިފިއެވެ.
މުބާރާތުގެ ފައިނަލުގައި އައި.ޔޫ.އެމް އިން ބައްދަލުކުރީ އެމް.އެން.ޔޫގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ (އެފް.އެސް.އެލް)އާ އެވެ. 24 ސެޕްޓެންބަރުވީ ހޮނިހިރުދުވަހުގެރޭ ކުރިއަށްދިޔަ ފައިނަލް ބަހުސްގެ މައުޟޫ އަކީ ”ޤައުމު ތަރައްޤީ ކުރެވޭނީ ޒުވާނުންނަށް އިސްކަންދީގެންނެވެ.“ މައުޟޫއާ ދެކޮޅަށް ބަހުސްކުރަމުން އައި.ޔޫ.އެމް އިން ބަހުސް ކާމިޔާބުކުރީ 959 – 888ގެ ނަތީޖާއަކުންނެވެ. މި ބަހުސްގެ އެންމެ މޮޅު ބަހުސްކުރުންތެރިޔަކަށް ހޮވިފައިވަނީ އައި.ޔޫ.އެމްގެ އަޙްމަދު ސުހާން އެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ބަހުސް މުބާރާތަކީ ދިވެހި ބަސް ދިރުވައި އާލާކޮށް، ބަހުގެ ހަމަތަކާ އެއްގޮތަށް ދިވެހިބަސް ބޭނުން ކުރަން ބާރުއެޅުމަށާއި ޢިލްމީ ފެންވަރެއްގައި އުފެއްދުންތެރި ގޮތުގައި ޚިޔާލު ފާޅުކުރުމުގެ ފުރުޞަތު ފަހިކޮށްދީ، ދޫފަރިތަ، ކުޅަދާނަ ވާހަކަދެއްކުންތެރިންތަކެއް އުފެއްދުމުގެ މަޤްޞަދުގައި ބާއްވަމުން އަންނަ މުބާރާތެކެވެ. މިއަހަރު މި ބޭއްވުނީ ސިލްސިލާކޮށް ބޭއްވޭ މި މުބާރާތުގެ 9 ވަނަ މުބާރާތެވެ.