ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން އިން އިންތިޒާމުކޮށްގެން ބާއްވާ ”ލެކްނޯ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2022″ގެ ސްޕޯޓްސް ޕާރޓްނަރަކަށް ”ސޮނީ ސްޕޯޓްސް“ ހަމަޖައްސައިފިއެވެ.
ސްޕޯޓްސް ޕާރޓްނަރ ހަމަޖެއްސުމަށް އެއްބަސްވުމުގައި ސޮއި ކުރެވިގެންދިޔައީ ސެޕްޓެންބަރު 25 ވީ އާދިއްތަދުވަހު ހެނދުނު ސޮނީ ސްޕޯޓްސްގައެވެ. މި އެއްބަސްވުމުގައި އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން ސޮއި ކުރެއްވީ ޔޫނިއަންގެ ރައީސް ޙުސައިން ޒައިދު ކަމަށްވާއިރު، ސޮނީ ސްޕޯޓްސްގެ ފަރާތުން ސޮއި ކުރެއްވީ އެސިސްޓެންޓް މާކެޓިންގ ކޮމިއުނިކޭޝަންސް މެނޭޖަރ އަލްފާޟިލާ މަރިޔަމް ޢަބްދުﷲ އެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ އަކީ ދިވެހިރާއްޖޭގެ މަތީ ސާނަވީ ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ޙަރަކާތެވެ. މި މުބާރާތް ރާވާ އިންތިޒާމު ކުރަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިންނެވެ. މި އަހަރު މި ބާއްވަނީ މީގެ 8 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތް މި ބޭއްވެނީ ކޮވިޑް-19ގެ ޢާލަމީ ވަބާއާއެކު 2 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަނަކީ އެވިޑް ކޮލެޖެވެ. އަދި އަންހެން ޑިވިޝަނުގެ ޗެމްޕިއަނަކީ އެމް.އައި ކޮލެޖެވެ. މި މުބާރާތް އެންމެ ފުރަތަމަ ބޭއްވުނީ 2013 ވަނަ އަހަރެވެ. އެއަށްފަހު 2019 ވަނަ އަހަރާ ހަމައަށް މެދުކެނޑުމެއްނެތި ކޮންމެ އަހަރަކު މި މުބާރާތް ކުރިއަށް ގެންދެވިފައިވެއެވެ. މުބާރާތުގައި އަންހެން ޑިވިޝަން ތަޢާރަފު ކުރެވުނީ 2018 ވަނަ އަހަރެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ތަށި 3 ފަހަރު ޙާޞިލުކޮށްފައިވާ އެމް.އެން.ޔޫ ބިޒްނަސް ސްކޫލެވެ.