ލެކްނޯ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2022ގެ ދެވަނަ ރޭގައި ކުޅުނު މެޗުތަކުން ކްލިކް ކޮލެޖު، ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީ.އެފް.އެސް) އަދި އެމް.އައި ކޮލެޖު މޮޅުވެއްޖެއެވެ.
ހޮނިހިރުދުވަހުގެރޭ 10:00ގައި ކުޅުނު ފުރަތަމަ ދެ މެޗުގެ ތެރެއިން ގްރައުންޑް 1 ގައި ކުޅުނީ އަންހެން ޑިވިޝަންގެ ކްލިކް ކޮލެޖާއި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ (އެފް.އެސް.އެލް) އެވެ. މި މެޗު 17 – 0ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ކްލިކް ކޮލެޖެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ކްލިކް ކޮލެޖުގެ ޖާރޒީ ނަންބަރ 3 ރޮވީނާ މަރިޔަން ވަނީ މެޗުގައި 8 ގޯލު ޖަހާފައެވެ. އަދި ކްލިކްގެ ޖާރޒީ ނަންބަރ 4 ޝީނީޒް މުޙައްމަދު ވަނީ 7 ގޯލު ކާމިޔާބު ކޮށްފައެވެ. މީގެ އިތުރުން ކްލިކްގެ ޖާރޒީ ނަންބަރ 06 ފާތިމަތު ރާއިން މުހައްމަދު 1 ގޯލު ޖެހިއިރު، މި މެޗުގައި އެފް.އެސް.އެލްގެ ކީޕަރު ރީމާޒް މުހައްމަދު އަތުން ބައިކޮޅަށްވެސް ގޯލެއް ވަދެފައިވެއެވެ.


ހަމަ 10:00ގައި ގްރައުންޑް 2 ގައި ފެށި އަންހެން ޑިވިޝަންގެ މެޗުގައި ބައްދަލުކުރީ ސީ.އެފް.އެސް އާއި ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފް.އެޗް.އެސް) އެވެ. މި މެޗު 04 – 0ގެ ނަތީޖާއަކުން ސީ.އެފް.އެސް ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މެޗުގައި ގޯލެއްވެސް ކާމިޔާބުކުރި ސީ.އެފް.އެސްގެ ޖާރޒީ ނަންބަރ 10 ޢާއިޝަތު ލައިސާ މަޖީދެވެ. ސީ.އެފް.އެސްގެ ޖާރޒީ ނަންބަރ 17 އާމިނަތު އަމާނީ މި މެޗުގައި 2 ގޯލު ޖެހިއިރު، ދެން ސީ.އެފް.އެސް އިން ގޯލު ޖަހާފައިވަނީ އެ ޓީމުގެ ޖާރޒީ ނަންބަރ 04 ފާޠިމަތު ނިހާމާ އެވެ.
ހޮނިހިރުދުވަހުގެރޭ 11:00ގައި ކުޅުނީ ފިރިހެން ޑިވިޝަންގެ މެޗެކެވެ. މި މެޗުގައި ބައްދަލުކުރީ އެމް.އައި ކޮލެޖާއި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް) އެވެ. މި މެޗުން އެމް.އައި މޮޅުވީ 3-0 ންނެވެ. މެޗުގެ ހަވަނަ މިނިޓުގައި އެމް.އައިގެ ފުރަތަމަ ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ އެމް.އައިގެ ޖާރޒީ ނަންބަރ 10 މުޙައްމަދު މިދުހަތެވެ. އަދި މެޗުގެ 30 ވަނަ މިނިޓުގައި އެމް.އައިގެ ޖާރޒީ ނަންބަރ 4 އަހުސަން ހަސަންދީދީ އެ ޓީމުގެ ދެވަނަ ގޯލު ކާމިޔާބު ކުރިއިރު، މެޗުގެ ފަހު ގޯލު އެމް.އައި އަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޖާރޒީ ނަންބަރ 03 މިރާސް މުހައްމަދު ޒުހައިރެވެ.
މި މުބާރާތުގެ މެޗުތައް ދެން އޮންނާނީ އޮކްޓޫބަރު 12 ވާ ބުދަދުވަހުގެ ރެޔެވެ. އެރޭ ޖުމްލަ 4 މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. 10:00ގައި ފަށާ ފުރަތަމަ ދެ މެޗުގައި ބައްދަލުކުރާނީ އަންހެން ޑިވިޝަންގެ ގްރޫޕް ސީގެ އެމް.އައި އަދި އެމް.އެން.ޔޫ.ބީ.އެސްގެ އިތުރުން ގްރޫޕް އޭގެ ވިލާ ކޮލެޖް އަދި އެފް.އެސް.އެލް އެވެ.


ލެކްނޯ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ ޓައިޓްލް ސްޕޮންސަރަކީ އެމް.ޔޫ ސްޓޯރުން އެތެރެކުރާ ”ލެކްނޯ“ ބްރޭންޑެވެ. މުބާރާތުގެ ކޯ-ސްޕޮންސަރަކީ ޤައުމީ ޔުނިވަރސިޓީގެ ކުންފުނި ޔުނިވިޔަ ހޯލްޑިންގްސް އެވެ. ސަޕޯޓިންގ ޕާޓްނަރުންނަކީ މޯލްޑިވްސް ޓްރޭޑިންގ އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)، މެންހަޓަން ބިޒްނަސް ހޮޓެލް، އޮންލައިން ނިއުސް ޢަދަދު، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އެވެ. ސްޕޯޓްސް ޕާޓްނަރަކީ ސޮނީ ސްޕޯޓްސް އެވެ. މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު ކަމަށްވާއިރު، ކިޓް ޕާޓްނަރަކީ ޕްރިންޓް ކޯއެވެ. ޕްރިންޓިންގ ޕާޓްނަރަކީ އެމް ސެވަން އެވެ. އަދި އެސޯސިއޭޓިވް ޕާޓްނަރަކީ އަދަދު އޮންލައިންއެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ އަކީ ދިވެހިރާއްޖޭގެ މަތީ ސާނަވީ ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ޙަރަކާތެވެ. މި މުބާރާތް ރާވާ އިންތިޒާމު ކުރަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިންނެވެ. މި އަހަރު މި ބާއްވަނީ މީގެ 8 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތް މި ބޭއްވެނީ ކޮވިޑް-19ގެ ޢާލަމީ ވަބާއާއެކު 2 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަނަކީ އެވިޑް ކޮލެޖެވެ. އަދި އަންހެން ޑިވިޝަނުގެ ޗެމްޕިއަނަކީ އެމް.އައި ކޮލެޖެވެ. މި މުބާރާތް އެންމެ ފުރަތަމަ ބޭއްވުނީ 2013 ވަނަ އަހަރެވެ. އެއަށްފަހު 2019 ވަނަ އަހަރާ ހަމައަށް މެދުކެނޑުމެއްނެތި ކޮންމެ އަހަރަކު މި މުބާރާތް ކުރިއަށް ގެންދެވިފައިވެއެވެ. މުބާރާތުގައި އަންހެން ޑިވިޝަން ތަޢާރަފު ކުރެވުނީ 2018 ވަނަ އަހަރެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ތަށި 3 ފަހަރު ޙާޞިލުކޮށްފައިވާ އެމް.އެން.ޔޫ ބިޒްނަސް ސްކޫލެވެ.





