ލެކްނޯ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ އަންހެން ޑިވިޝަނުގެ ސެމީ ފައިނަލަށް ކްލިކް ކޮލެޖާއި ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީ.އެފް.އެސް) ދަތުރުކޮށްފިއެވެ.
ހުކުރުދުވަހުގެރޭ 08:00ގައި ގްރައުންޑް 1 ގައި ކުޅުނު އަންހެން ޑިވިޝަނުގެ ފުރަތަމަ ކުއާޓާ ފައިނަލުގައި ބައްދަލުކުރީ ކްލިކް ކޮލެޖާއި ސްކޫލް އޮފް ނާރސިންގ (އެސް.އެން) އެވެ. މި މެޗު 2 – 0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކްލިކް ކޮލެޖެވެ. މި މެޗުގެ ދެ ގޯލުވެސް ޖަހާފައިވަނީ ކްލިކްގެ ޖަރޒީ ނަންބަރު 6 ފާތިމަތު ރާއިން މުހައްމަދެވެ. ރާއިންގެ ގޯލުތައް ޖެހީ މެޗުގެ 5 ވަނަ މިނެޓާއި 15 ވަނަ މިނެޓުގައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކްލިކްގެ ޖަރޒީ ނަންބަރު 14 ފާތިމަތު ޒީނިޔާ އެވެ.
ގްރައުންޑް 2 ގައި ކުޅުނު ދެވަނަ ކުއާޓާ ފައިނަލުގައި ބައްދަލުކުރީ ސީ.އެފް.އެސް އާއި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް)އެވެ. މި މެޗު ސީ.އެފް.އެސް އިން ކާމިޔާބުކުރީ 9 – 0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ސީ.އެފް.އެސްގެ ޖަރޒީ ނަންބަރު 4 ފާތިމަތު ނިހާމާ ވަނީ މި މެޗުގައި ހެޓްރިކެއް ހަދާފައެވެ. ނިހާމާގެ ގޯލުތައް ޖެހީ ފުރަތަމަ މިނެޓާއި 14 ވަނަ މިނެޓު އަދި 25 މިނެޓުގައެވެ. މީގެ އިތުރުން ސީ.އެފް.އެސްގެ ޖަރޒީ ނަންބަރު 17 އާމިނަތު އަމާނީ ވަނީ މެޗުގައި ދެ ގޯލު ޖަހާފައެވެ. އަމާނީ ގޯލު ޖެހީ ހަވަނަ މިނެޓާއި 11 ވަނަ މިނެޓުގައެވެ. އަދި ސީ.އެފް.އެސްގެ ޖަރޒީ ނަންބަރު 10 ޢާއިޝަތު ލައިސާ މަޖީދު ދެވަނަ މިނެޓުގައި ގޯލެއް ޖެހިއިރު، އެ ޓީމުގެ ޖަރޒީ ނަންބަރު 11 ސައުނާ ސާމިއު ވަނީ 21 ވަނަ މިނެޓުގައި ގޯލެއް ޖަހާފައެވެ. އަދި ސީ.އެފް.އެސްގެ ޖަރޒީ ނަންބަރު 14 މަރިޔަމް ސައުލާ ވަހީދު 24 ވަނަ މިނެޓުގައި ގޯލު ޖެހިއިރު، އެ ޓީމުގެ ޖަރޒީ ނަންބަރު 3 އާމިނަތު ވިރުޝާ ވަނީ 29 ވަނަ މިނެޓުގައި ގޯލެއް ޖަހާފައެވެ.
ލެކްނޯ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ ޓައިޓްލް ސްޕޮންސަރަކީ އެމް.ޔޫ ސްޓޯރުން އެތެރެކުރާ ”ލެކްނޯ“ ބްރޭންޑެވެ. މުބާރާތުގެ ކޯ-ސްޕޮންސަރަކީ ޤައުމީ ޔުނިވަރސިޓީގެ ކުންފުނި ޔުނިވިޔަ ހޯލްޑިންގްސް އެވެ. ސަޕޯޓިންގ ޕާޓްނަރުންނަކީ މޯލްޑިވްސް ޓްރޭޑިންގ އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)، މެންހަޓަން ބިޒްނަސް ހޮޓެލް، އޮންލައިން ނިއުސް ޢަދަދު، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އެވެ. ސްޕޯޓްސް ޕާޓްނަރަކީ ސޮނީ ސްޕޯޓްސް އެވެ. މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު ކަމަށްވާއިރު، ކިޓް ޕާޓްނަރަކީ ޕްރިންޓް ކޯއެވެ. ޕްރިންޓިންގ ޕާޓްނަރަކީ އެމް ސެވަން އެވެ. އަދި އެސޯސިއޭޓިވް ޕާޓްނަރަކީ އަދަދު އޮންލައިންއެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ އަކީ ދިވެހިރާއްޖޭގެ މަތީ ސާނަވީ ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ޙަރަކާތެވެ. މި މުބާރާތް ރާވާ އިންތިޒާމު ކުރަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިންނެވެ. މި އަހަރު މި ބާއްވަނީ މީގެ 8 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތް މި ބޭއްވެނީ ކޮވިޑް-19ގެ ޢާލަމީ ވަބާއާއެކު 2 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަނަކީ އެވިޑް ކޮލެޖެވެ. އަދި އަންހެން ޑިވިޝަނުގެ ޗެމްޕިއަނަކީ އެމް.އައި ކޮލެޖެވެ. މި މުބާރާތް އެންމެ ފުރަތަމަ ބޭއްވުނީ 2013 ވަނަ އަހަރެވެ. އެއަށްފަހު 2019 ވަނަ އަހަރާ ހަމައަށް މެދުކެނޑުމެއްނެތި ކޮންމެ އަހަރަކު މި މުބާރާތް ކުރިއަށް ގެންދެވިފައިވެއެވެ. މުބާރާތުގައި އަންހެން ޑިވިޝަން ތަޢާރަފު ކުރެވުނީ 2018 ވަނަ އަހަރެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ތަށި 3 ފަހަރު ޙާޞިލުކޮށްފައިވާ އެމް.އެން.ޔޫ ބިޒްނަސް ސްކޫލެވެ.