ލެކްނޯ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ ފިރިހެން ޑިވިޝަނުގެ ކުއާޓާ ފައިނަލުގައި ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓް)ގެ މައްޗަށް 6 – 1ގެ ނަތީޖާއަކުން ކުރިހޯދާ ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީ.އެފް.އެސް) މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ހޮނިހިރުދުވަހުގެރޭ 10:00ގައި ގްރައުންޑް 2 ގައި ކުޅުނު މި މެޗުގައި ލީޑު ނެގީ މެޗުގެ ދިހަވަނަ މިނެޓުގައި ފެސްޓުންނެވެ. މި ގޯލު ޖަހައިދިނީ ފެސްޓުގެ ޖަރޒީ ނަންބަރު 19 އަލީ ސަމޫހެވެ. ސީ.އެފް.އެސް އިން އެއްވަރުކުރި ގޯލު ޖެހީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ސީ.އެފް.އެސްގެ ޖަރޒީ ނަންބަރު 21 އަޙްމަދު ރާހިލް ރަޝީދެވެ. ދެވަނަ ހާފު ފަށައިގެން ހާފުގެ ތިންވަނަ މިނެޓުގައި ރާހިލް ވަނީ އިތުރު ގޯލެއް ޖަހާ ސީ.އެފް.އެސް އަށް ލީޑު ނަގައިދީފައެވެ. ސީ.އެފް.އެސްގެ ތިންވަނަ ގޯލު ޖެހީ އޭގެ މިނެޓެއް ފަހުން އެ ޓީމުގެ ޖަރޒީ ނަންބަރު 22 ތަސްނީމް ޢަބްދުﷲ އެވެ. ސީ.އެފް.އެސްގެ ހަތަރުވަނަ ގޯލު ޖެހީ މެޗުގެ 30 ވަނަ މިނިޓުގައި އެ ޓީމުގެ ޖަރޒީ ނަންބަރު 13 ޢަބްދުﷲ އާމިން އަލީ ކަމަށްވާއިރު، އޭގެ މިނެޓެއް ފަހުން ސީ.އެފް.އެސްގެ ފަސްވަނަ ގޯލު ޖެހީ އެ ޓީމުގެ ޖަރޒީ ނަންބަރު 7 އަޙްމަދު އިހާން އިނާޒެވެ. ސީ.އެފް.އެސްގެ ހަވަނަ ގޯލުޖެހީ މެޗުގެ 32 ވަނަ މިނެޓުގައި މި މެޗުގެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނު ތަސްނީމެވެ.


ލެކްނޯ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ ޓައިޓްލް ސްޕޮންސަރަކީ އެމް.ޔޫ ސްޓޯރުން އެތެރެކުރާ ”ލެކްނޯ“ ބްރޭންޑެވެ. މުބާރާތުގެ ކޯ-ސްޕޮންސަރަކީ ޤައުމީ ޔުނިވަރސިޓީގެ ކުންފުނި ޔުނިވިޔަ ހޯލްޑިންގްސް އެވެ. ސަޕޯޓިންގ ޕާޓްނަރުންނަކީ މޯލްޑިވްސް ޓްރޭޑިންގ އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)، މެންހަޓަން ބިޒްނަސް ހޮޓެލް، އޮންލައިން ނިއުސް ޢަދަދު، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އެވެ. ސްޕޯޓްސް ޕާޓްނަރަކީ ސޮނީ ސްޕޯޓްސް އެވެ. މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު ކަމަށްވާއިރު، ކިޓް ޕާޓްނަރަކީ ޕްރިންޓް ކޯއެވެ. ޕްރިންޓިންގ ޕާޓްނަރަކީ އެމް ސެވަން އެވެ. އަދި އެސޯސިއޭޓިވް ޕާޓްނަރަކީ އަދަދު އޮންލައިންއެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ އަކީ ދިވެހިރާއްޖޭގެ މަތީ ސާނަވީ ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ޙަރަކާތެވެ. މި މުބާރާތް ރާވާ އިންތިޒާމު ކުރަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިންނެވެ. މި އަހަރު މި ބާއްވަނީ މީގެ 8 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތް މި ބޭއްވެނީ ކޮވިޑް-19ގެ ޢާލަމީ ވަބާއާއެކު 2 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަނަކީ އެވިޑް ކޮލެޖެވެ. އަދި އަންހެން ޑިވިޝަނުގެ ޗެމްޕިއަނަކީ އެމް.އައި ކޮލެޖެވެ. މި މުބާރާތް އެންމެ ފުރަތަމަ ބޭއްވުނީ 2013 ވަނަ އަހަރެވެ. އެއަށްފަހު 2019 ވަނަ އަހަރާ ހަމައަށް މެދުކެނޑުމެއްނެތި ކޮންމެ އަހަރަކު މި މުބާރާތް ކުރިއަށް ގެންދެވިފައިވެއެވެ. މުބާރާތުގައި އަންހެން ޑިވިޝަން ތަޢާރަފު ކުރެވުނީ 2018 ވަނަ އަހަރެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ތަށި 3 ފަހަރު ޙާޞިލުކޮށްފައިވާ އެމް.އެން.ޔޫ ބިޒްނަސް ސްކޫލެވެ.





