ލެކްނޯ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ އަންހެން ޑިވިޝަނުގެ ސެމީ ފައިނަލުގައި ކްލިކް ކޮލެޖު 2 – 0ން ބަލިކޮށް އެމް.އެން.ޔޫ ބިޒްނަސް ސްކޫލް (އެމް.އެން.ޔޫ.ބީ.އެސް) މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
ބުރާސްފަތިދުވަހުގެރޭ ރޭގަނޑު 09:30 ގައި ފެށި މި މެޗުގެ ލީޑު އެމް.އެން.ޔޫ.ބީ.އެސް އަށް ނަގައިދިނީ މެޗުގެ 9 ވަނަ މިނިޓުގައި އެ ޓީމުގެ އިތުބާރު ކުޅުންތެރިޔާ ޖަރޒީ ނަންބަރު 11 ފިރުޝާނާ ނަސީރެވެ. އެމް.އެން.ޔޫ.ބީ.އެސްގެ ދެވަނަ ގޯލު ޖެހީ އެ ޓީމުގެ ޖަރޒީ ނަންބަރު 12 އާމިނަތު ޝަފްނާއެވެ. މި ގޯލު ޖެހީ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ފިރުޝާނާ އެވެ.
ލެކްނޯ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ ޓައިޓްލް ސްޕޮންސަރަކީ އެމް.ޔޫ ސްޓޯރުން އެތެރެކުރާ ”ލެކްނޯ“ ބްރޭންޑެވެ. މުބާރާތުގެ ކޯ-ސްޕޮންސަރަކީ ޤައުމީ ޔުނިވަރސިޓީގެ ކުންފުނި ޔުނިވިޔަ ހޯލްޑިންގްސް އެވެ. ސަޕޯޓިންގ ޕާޓްނަރުންނަކީ މޯލްޑިވްސް ޓްރޭޑިންގ އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)، މެންހަޓަން ބިޒްނަސް ހޮޓެލް، އޮންލައިން ނިއުސް ޢަދަދު، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އެވެ. ސްޕޯޓްސް ޕާޓްނަރަކީ ސޮނީ ސްޕޯޓްސް އެވެ. މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު ކަމަށްވާއިރު، ކިޓް ޕާޓްނަރަކީ ޕްރިންޓް ކޯއެވެ. ޕްރިންޓިންގ ޕާޓްނަރަކީ އެމް ސެވަން އެވެ. އަދި އެސޯސިއޭޓިވް ޕާޓްނަރަކީ އަދަދު އޮންލައިންއެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ އަކީ ދިވެހިރާއްޖޭގެ މަތީ ސާނަވީ ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ޙަރަކާތެވެ. މި މުބާރާތް ރާވާ އިންތިޒާމު ކުރަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިންނެވެ. މި އަހަރު މި ބާއްވަނީ މީގެ 8 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތް މި ބޭއްވެނީ ކޮވިޑް-19ގެ ޢާލަމީ ވަބާއާއެކު 2 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަނަކީ އެވިޑް ކޮލެޖެވެ. އަދި އަންހެން ޑިވިޝަނުގެ ޗެމްޕިއަނަކީ އެމް.އައި ކޮލެޖެވެ. މި މުބާރާތް އެންމެ ފުރަތަމަ ބޭއްވުނީ 2013 ވަނަ އަހަރެވެ. އެއަށްފަހު 2019 ވަނަ އަހަރާ ހަމައަށް މެދުކެނޑުމެއްނެތި ކޮންމެ އަހަރަކު މި މުބާރާތް ކުރިއަށް ގެންދެވިފައިވެއެވެ. މުބާރާތުގައި އަންހެން ޑިވިޝަން ތަޢާރަފު ކުރެވުނީ 2018 ވަނަ އަހަރެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ތަށި 3 ފަހަރު ޙާޞިލުކޮށްފައިވާ އެމް.އެން.ޔޫ ބިޒްނަސް ސްކޫލެވެ.