ލެކްނޯ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ ފިރިހެން ޑިވިޝަނުގެ ދެވަނަ ސެމީ ފައިނަލުގައި ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީ.އެފް.އެސް) 5 – 4ގެ ނަތީޖާއަކުން ބަލިކޮށް އެމް.އެން.ޔޫ ބިޒްނަސް ސްކޫލް (އެމް.އެން.ޔޫ.ބީ.އެސް) މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
ބުރާސްފަތިދުވަހުގެރޭ ރޭގަނޑު 12:00ގައި ފެށި މި މެޗުގައި އެމް.އެން.ޔޫ.ބީ.އެސްގެ ކެޕްޓަން ޖަރޒީ ނަންބަރު 8 އަޙްމަދު ރިޔުޝާން ވަނީ ހެޓްރިކެއް ހަދައިފައެވެ. މި މެޗުގެ 7 ވަނަ މިނެޓުގައި ލީޑު ނަގާފައިވަނީ ސީ.އެފް.އެސް އިންނެވެ. މި ގޯލު ޖަހައިދިނީ އެ ޓީމުގެ ޖަރޒީ ނަންބަރު 4 މުހައްމަދު ނާބިތު ހުސައިނެވެ. އޭގެ ދެ މިނެޓު ފަހުން އެމް.އެން.ޔޫ.ބީ.އެސް ވަނީ ގޯލެއްޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ގޯލު ޖަހާފައިވަނީ ރިޔުޝާނެވެ. މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ސީ.އެފް.އެސް އިން ވަނީ ކައިރި ކައިރީގައި ދެ ގޯލު ޖަހާފައެވެ. މި ގޯލުތައް ޖެހީ ނާބިތާއި ސީ.އެފް.އެސްގެ ޖަރޒީ ނަންބަރު 11 އަހްމަދު ނާއިފް ޝަރީފެވެ. އޭގެ މިނެޓެއް ފަހުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ރިޔުޝާން ވަނީ އޭނާގެ އަދި އެމް.އެން.ޔޫ.ބީ.އެސްގެ ވެސް ދެވަނަ ގޯލު ޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. ފުރަތަމަ ހާފު ނިމުނީ 2 – 1ގެ ނަތީޖާއަކުން ސީ.އެފް.އެސް ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި އެމް.އެން.ޔޫ.ބީ.އެސް އިން ވަނީ ނަތީޖާ އަނެއްކާވެސް ހަމަހަމަކޮށްފައެވެ. މި ގޯލު ޖެހީ އެ ޓީމުގެ ޖަރޒީ ނަންބަރު 11 މުޙައްމަދު އަނާނެވެ. އަދި އަނާން ވަނީ މެޗުގެ 32 ވަނަ މިނެޓުގައި އެމް.އެން.ޔޫ.ބީ.އެސް އަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދީފައެވެ. މި ގޯލު އަނާން ޖެހީ ޕެނަލްޓީއަކުންނެވެ. އޭގެ މިނެޓެއްފަހުން ރިޔުޝާން ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށް، އެމް.އެން.ޔޫ.ބީ.އެސްގެ 5 ވަނަ ގޯލު ޖަހާފައެވެ. އަދި މެޗުގެ 34 ވަނަ މިނެޓުގައި ސީ.އެފް.އެސްގެ ޖަރޒީ ނަންބަރު 21 އަހްމަދު ރާހިލް ރަޝީދު ވަނީ ސީ.އެފް.އެސްގެ ހަތަރުވަނަ ގޯލު ޖަހާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މެޗުގައި ހެޓްރިކެއް ހެދި އެމް.އެން.ޔޫ.ބީ.އެސްގެ ރިޔުޝާނެވެ.
މުބާރާތުގެ ފައިނަލުގައި އެމް.އެން.ޔޫ.ބީ.އެސް އިން ބައްދަލުކުރާނީ މެޕްސް ކޮލެޖާއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރެޔެވެ.


ލެކްނޯ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ ޓައިޓްލް ސްޕޮންސަރަކީ އެމް.ޔޫ ސްޓޯރުން އެތެރެކުރާ ”ލެކްނޯ“ ބްރޭންޑެވެ. މުބާރާތުގެ ކޯ-ސްޕޮންސަރަކީ ޤައުމީ ޔުނިވަރސިޓީގެ ކުންފުނި ޔުނިވިޔަ ހޯލްޑިންގްސް އެވެ. ސަޕޯޓިންގ ޕާޓްނަރުންނަކީ މޯލްޑިވްސް ޓްރޭޑިންގ އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)، މެންހަޓަން ބިޒްނަސް ހޮޓެލް، އޮންލައިން ނިއުސް ޢަދަދު، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އެވެ. ސްޕޯޓްސް ޕާޓްނަރަކީ ސޮނީ ސްޕޯޓްސް އެވެ. މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު ކަމަށްވާއިރު، ކިޓް ޕާޓްނަރަކީ ޕްރިންޓް ކޯއެވެ. ޕްރިންޓިންގ ޕާޓްނަރަކީ އެމް ސެވަން އެވެ. އަދި އެސޯސިއޭޓިވް ޕާޓްނަރަކީ އަދަދު އޮންލައިންއެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ އަކީ ދިވެހިރާއްޖޭގެ މަތީ ސާނަވީ ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ޙަރަކާތެވެ. މި މުބާރާތް ރާވާ އިންތިޒާމު ކުރަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިންނެވެ. މި އަހަރު މި ބާއްވަނީ މީގެ 8 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތް މި ބޭއްވެނީ ކޮވިޑް-19ގެ ޢާލަމީ ވަބާއާއެކު 2 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަނަކީ އެވިޑް ކޮލެޖެވެ. އަދި އަންހެން ޑިވިޝަނުގެ ޗެމްޕިއަނަކީ އެމް.އައި ކޮލެޖެވެ. މި މުބާރާތް އެންމެ ފުރަތަމަ ބޭއްވުނީ 2013 ވަނަ އަހަރެވެ. އެއަށްފަހު 2019 ވަނަ އަހަރާ ހަމައަށް މެދުކެނޑުމެއްނެތި ކޮންމެ އަހަރަކު މި މުބާރާތް ކުރިއަށް ގެންދެވިފައިވެއެވެ. މުބާރާތުގައި އަންހެން ޑިވިޝަން ތަޢާރަފު ކުރެވުނީ 2018 ވަނަ އަހަރެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ތަށި 3 ފަހަރު ޙާޞިލުކޮށްފައިވާ އެމް.އެން.ޔޫ ބިޒްނަސް ސްކޫލެވެ.





