ލެކްނޯ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގައި އެމް.އެން.ޔޫ ބިޒްނަސް ސްކޫލް (އެމް.އެން.ޔޫ.ބީ.އެސް) 4 – 3ގެ ނަތީޖާއަކުން ބަލިކޮށް މެޕްސް ކޮލެޖުން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.
ހުކުރުދުވަހުގެރޭ 09:00ގައި ފެށި މި މެޗުގެ ފުރަތަމަ ތިންގޯލު ޖަހާފައިވަނީ އެމް.އެން.ޔޫ.ބީ.އެސް އިންނެވެ. ފުރަތަމަ ދެ ގޯލު ޖެހީ އެމް.އެން.ޔޫ.ބީ.އެސްގެ ޖަރޒީ ނަންބަރު 17 އިބްރާހީމް އާތިފެވެ. އާތިފްގެ ފުރަތަމަ ގޯލު ޖެހީ މެޗުގެ 4 ވަނަ މިނެޓުގައި ކަމަށްވާއިރު، ދެވަނަ ގޯލު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. އެމް.އެން.ޔޫ.ބީ.އެސްގެ ތިންވަނަ ގޯލު ޖެހީ ދެވަނަ ހާފު ފަށައިގެން 3 ވަރަކަށް މިނެޓުގެ ތެރޭގައެވެ. މި ގޯލު ޖެހީ އެ ޓީމުގެ ޖަރޒީ ނަންބަރު 11 މުހައްމަދު އަނާނެވެ. 3 – 0ގެ ލީޑެއްގައި އޮއްވާ، މެޕްސް ކޮލެޖުން ވަނީ ފަހަތުން އަރާ 4 ގޯލު ޖަހާ މުބާރާތުގެ ޗެންޕިއަންކަން ހޯދައިފައެވެ. މެޕްސްގެ ފުރަތަމަ ގޯލު ޖެހީ މެޗުގެ 25 ވަނަ މިނެޓުގައި އެ ޓީމުގެ ޖަރޒީ ނަންބަރު 8 ޖަމްޝާދު ޖައުފަރެވެ. މެޕްސްގެ ދެވަނަ ގޯލު މެޗުގެ 28 ވަނަ މިނެޓުގައި ޖަރޒީ ނަންބަރު 5 އަބްދުﷲ ހިޝާން ޖެހިއިރު، ނަތީޖާ ހަމަހަމަ ކުރި ގޯލު ޖެހީ މެޗުގެ 35 ވަނަ މިނެޓުގައި އެ ޓީމުގެ ޖަރޒީ ނަންބަރު 10 މުހައްމަދު ހަނާމް އިސްމާޢީލެވެ. މުބާރާތުގެ ޗެންޕިއަންކަން ކަށަވަރު ކުރި ގޯލު މެޕްސްއަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޖަރޒީ ނަންބަރު 7 އަލީ ޝާޒް ހިލްމީއެވެ. ޝާޒްގެ ގޯލު ޖެހީ މެޗު ނިމެން މިނެޓެއް ބާކީ އޮއްވައެވެ.
މި ނަތީޖާއާއެކު، މެޕްސް ކޮލެޖުން މިވަނީ މި މުބާރާތުގެ ތަށި ދެވަނަ ފަހަރަށް އުފުލާލާފައެވެ. މެޕްސް އިން މީގެ ކުރިން ޗެންޕިއަންކަން ހޯދީ 2018 ވަނަ އަހަރެވެ.
ލެކްނޯ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ ޓައިޓްލް ސްޕޮންސަރަކީ އެމް.ޔޫ ސްޓޯރުން އެތެރެކުރާ ”ލެކްނޯ“ ބްރޭންޑެވެ. މުބާރާތުގެ ކޯ-ސްޕޮންސަރަކީ ޤައުމީ ޔުނިވަރސިޓީގެ ކުންފުނި ޔުނިވިޔަ ހޯލްޑިންގްސް އެވެ. ސަޕޯޓިންގ ޕާޓްނަރުންނަކީ މޯލްޑިވްސް ޓްރޭޑިންގ އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)، މެންހަޓަން ބިޒްނަސް ހޮޓެލް، އޮންލައިން ނިއުސް ޢަދަދު، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އެވެ. ސްޕޯޓްސް ޕާޓްނަރަކީ ސޮނީ ސްޕޯޓްސް އެވެ. މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު ކަމަށްވާއިރު، ކިޓް ޕާޓްނަރަކީ ޕްރިންޓް ކޯއެވެ. ޕްރިންޓިންގ ޕާޓްނަރަކީ އެމް ސެވަން އެވެ. އަދި އެސޯސިއޭޓިވް ޕާޓްނަރަކީ އަދަދު އޮންލައިންއެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ އަކީ ދިވެހިރާއްޖޭގެ މަތީ ސާނަވީ ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ޙަރަކާތެވެ. މި މުބާރާތް ރާވާ އިންތިޒާމު ކުރަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިންނެވެ. މި އަހަރު މި ބާއްވަނީ މީގެ 8 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތް މި ބޭއްވެނީ ކޮވިޑް-19ގެ ޢާލަމީ ވަބާއާއެކު 2 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަނަކީ އެވިޑް ކޮލެޖެވެ. އަދި އަންހެން ޑިވިޝަނުގެ ޗެމްޕިއަނަކީ އެމް.އައި ކޮލެޖެވެ. މި މުބާރާތް އެންމެ ފުރަތަމަ ބޭއްވުނީ 2013 ވަނަ އަހަރެވެ. އެއަށްފަހު 2019 ވަނަ އަހަރާ ހަމައަށް މެދުކެނޑުމެއްނެތި ކޮންމެ އަހަރަކު މި މުބާރާތް ކުރިއަށް ގެންދެވިފައިވެއެވެ. މުބާރާތުގައި އަންހެން ޑިވިޝަން ތަޢާރަފު ކުރެވުނީ 2018 ވަނަ އަހަރެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ތަށި 3 ފަހަރު ޙާޞިލުކޮށްފައިވާ އެމް.އެން.ޔޫ ބިޒްނަސް ސްކޫލެވެ.