ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ޓެލެންޓް ޝޯވ، ”އެމް.އެން.ޔޫ.އެސް.ޔޫ ޕްރެޒެންޓްސް ދަ ނެކްސްޓް ލެވެލް“ ބާއްވައިފިއެވެ.
މި ޝޯވ ކުރިއަށް ދިޔައީ 2022 ނޮވެންބަރު 12 ވީ ހޯމަ ދުވަހުގެ ރެޔެވެ. މި ޝޯވ ގައި 6 ފެކަލްޓީއަކުން 11 އައިޓަމެއް ހުށަހަޅާފައިވެއެވެ. މީގެ އިތުރުން ވަން ޝޮޓް އެންޓަޓައިންމެންޓްގެ އައިޓަމެއްގެ އިތުރުން އެމް.އެން.ޔޫ.އެސް.ޔޫ ބޮޑުބެރުގެ ފަރާތުންވެސް ވަނީ ޕާފޯމްކޮށްފައެވެ.
މި ޝޯވ އަކީ މުބާރާތެއްގެ ގޮތުގައި ކުރިއަށް ގެންދެވޭ ޝޯވ އެކެވެ. ޝޯވގެ ފަނޑިޔާރުކަން ކުރެއްވީ ވަން ޝޮޓް އެންޓަޓައިންމެންޓްގެ ސީ.އީ.އޯ ޝަރަފުލްއަމީރު (ކުޑަ ރިޗާޑު)، ލަވަ ކިޔުންތެރިޔާ އަދި އެމް.އެން.ޔޫގެ ދަރިވަރު ޝާން ޝަރީފް އަދި ޔޫތު ލީޑަރސް ނެޓްވޯކް (ވައި.އެލް.އެން)ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ޒުމްބާ އިންސްޓްރަކްޓަރ ޢާއިޝަތު ގާހިރެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ޕްރެޒެންޓްސް ދަ ނެކްސްޓް ލެވެލް އަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)އިން އިންތިޒާމުކޮށްގެން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންނަށް އެ ދަރިވަރުންގެ ހުނަރު ދައްކާލުމަށް ހުޅުވާލާ މަންސައެކެވެ. މީގެ ފުރަތަމަ މުބާރާތް ބޭއްވުނީ 2019 ވަނަ އަހަރުކަމަށްވާއިރު، ދެވަނަ މުބާރާތް ކުރިއަށްދިޔައީ 2021 ވަނަ އަހަރެވެ. މިއަހަރު މި ބޭއްވުނީ މީގެ ތިންވަނަ މުބާރާތެވެ.






