ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ
”އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ބެޑްމިންޓަން މުބާރާތް 2024“ ފަށައިފިއެވެ.
22 ސެޕްޓެމްބަރ ވީ އާދިއްތަ ދުވަހުގެ ރޭ އެމް.އެން.ޔޫ އެފް.އީ ޕީ.އީ ހޯލުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުރީގެ ޑީންސް އޮފް ސްޓޫޑެންޓް އަދި މިހާރުގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޑީން ނާދިޔާ އަހުމަދުއެވެ.
އަދި އެމް.އެން.ޔޫ.އެސް.ޔޫގެ ޝަރަފުވެރިކަމުގެ އިނާމް ހާސިލްކޮށްފައިވާ ފަރާތް އައްބާސް މުހައްމަދާއި، ދަރިވަރުންގެ ޔޫނިއަންގެ ކުރީ ދައުރުތަކުގެ ހިންގާކޮމެޓީ މެމްބަރުން ވަނީ މިރަސްމިއްޔާތުގައި ބައިވެރިވެފައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ނާދިޔާ މިސް ދެއްކެވި ވާހަކަފުޅުގައި ވަނީ ހުރިހާ ކުޅުންތެރިންވެސް ރިވެތި އަހުލާގުގެ ތެރެއިން ފޯރިގަދަ ކުޅުމެއްދައްކައި ކާމިޔާބީ އާއި ހަމައަށް ވާސިލްވުމަށް ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ގުޅިގެން މަސައްކަތްކުރުމަށް ނަސޭހަތްތެރިވެފައެވެ.
މިއަހަރުގެ މުބާރާތުގައި ޖުމުލަ 10 ފެކަލްޓީއަކުން ބައިވެރިވެފައި ވާއިރު، މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މި މަހުގެ 22 އިން 28 ގެ ނިޔަލަށެވެ.
މިރަސްމިއްޔާތަށްފަހު މުބާރާތުގެ ފުރަތަމަ ދެ މެޗު އެފް.އީ ޕީ.އީ ހޯލުގެ 2 ކޯޓުގައި ކުޅުމަށްވަނީ ހަމަޖެހިފައެވެ. ކޯޓު 1ގައި ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ފެކަލްޓީ އޮފް އިންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލަޖީ (ފެސްޓް) އަދި ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (ޝެޓްސް) އެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ ފެކަލްޓީ އޮފް އާޓްސް (އެފް.އޭ) އަދި ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ)ގެ ޓީމެވެ. މި ދެމެޗަށްފަހު މިރޭ އިތުރު ދެމެޗު ކުޅުމަށްވަނީ ތާވަލުކުރެވިފައެވެ.
ދަރިވަރުންގެ ޔޫނިއަނުން 2023 ވަނަ އަހަރު ފުރަތަމަ ބޭއްވި ބެޑްމިންޓަން މުބާރާތައްފަހު މިއަހަރު ބޭއްވިގެން މިދަނީ ދެވަނަ އެމް.އެންޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ބެޑްމިންޓަން މުބާރާތެވެ.






