ދިރާގު އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2025ގެ ކުއާޓަރ ފައިނަލްގެ މެޗުތަކުގައި ދެ ޑިވިޜަނުގެވެސް ޓީމުތައް ކަށަވަރުވެއްޖެއެވެ.
ހުކުރުދުވަހުގެ ރޭ ކުޅެވުނު މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކަށްފަހު ކުއާޓަރ ފައިނަލްގެ ޖާގަ ފިރިހެން ޑިވިޜަނުން ކަށަވަރުކޮށްފައިވަނީ 8 ޓީމެވެ. އެއީ:
- 22:00ގައި ފެކަލްޓީ އޮފް އެޑިއުކޭޝަނާއި އެމް.އައި ކޮލެޖް ގްރައުންޑް 2ގައި
- 22:00ގައި މޯލްޑިވްސް ޕޮލިޓެކްނިކާއި ފެކަލްޓީ އޮފް އާޓްސް ގްރައުން 1ގައި
- 23:00ގައި އެމް.އެން.ޔޫ ބިޒްނަސް ސްކޫލާއި މޯލްޑިވްސް ބިޒްނަސް ސްކޫލް ގްރައުންޑް 1ގައި
- 23:00ގައި ފެކަލްޓީ އޮފް އެންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ އާއި ވިލާ ކޮލެޖު ގްރައުންޑް 2ގައެވެ.
މި މުބާރާތުގެ އަންހެން ޑިވިޜަނަށް ބަލާއިރު، 20:00ގައި ކުޅެވޭ ގްރައުންޑް 1ގެ މެޗުގައި ބައްދަލުކުރާނީ ފެކަލްޓީ އޮފް ހެލްތު ސައިންސަސް އާއި އެމް.އައި ކޮލެޖު އަދި ގްރައުންޑް 2ގެ މެޗުގައި ސްކޫލް އޮފް ނާސިންގ އާއި ވިލާ ކޮލެޖެވެ.
އެ ރޭ 21:00ގައި ގްރައުންޑް 2ގައި ކުޅެވެނީ ފެކަލްޓީ އޮފް އާޓްސް އާއި ސެންޓަރ ފޯރ ފައުންޑޭޝަން ސްޓަޑީޒް އަދި ގްރައުންޑް 1ގައި އެމް.އެން.ޔޫ ބިޒްނަސް ސްކޫލާއި މޯލްޑިވްސް ބިޒްނަސް ސްކޫލެވެ.
ހުކުރުދުވަހުގެ ރޭ ހުޅުމާލޭ ރެހެންދި ދަނޑުގައި ކުޅެވުނު ފިރިހެން ޑިވިޜަނުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކަށް ބަލާއިރު، ފެކަލްޓީ އޮފް ހެލްތު ސައިންސަސް އާއި މޯލްޑިވްސް ޕޮލިޓެކްނިކް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 4-2ގެ ނަތީޖާއަކުން ޕޮލިޓެކްނިކް މޮޅުވެގެންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިޓެކްނިކްގެ ޖޯޒީ ނަންބަރު 7 މުޙައްމަދު އައިހަމެވެ.
މީގެއިތުރުން، އެމް.އައި ކޮލެޖާއި ސްކޫލް އޮފް ނާސިންގ ބައްދަލުކުރި މެޗު 6-0ގެ ނަތީޖާއަކުން އެމް.އައި އިން ކާމިޔާބުކޮށްފައިވާއިރު، މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެމް.އައިގެ ޖޯޒީ ނަންބަރު 5 އިބްރާހިމް ނޫރައްދީނެވެ.
އެރޭ ކުޅެވުނު ފެކަލްޓީ އޮފް އާޓްސް (އެފް.އޭ) އާއި ކްލިކް ކޮލެޖު ބައްދަލުކުރި މެޗު 6-3ގެ ނަތީޖާއަކުން ފެކަލްޓީ އޮފް އާޓްސްއިން ވަނީ ކާމިޔާބުކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް އެފް.އޭގެ ޖޯޒީ ނަންބަރު 88 އިބްރާހިމް އިމާން ހޮވިފައިވާއިރު، އެމް.އެން.ޔޫ ބިޒްނަސް ސްކޫލާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ބައްދަލުކުރި މެޗު 5-1ގެ ނަތީޖާއަކުން އެމް.އެން.ޔޫ ބިޒްނަސް ސްކޫލު ކާމިޔާބުކޮށް، އެ ޓީމުގެ ޖޯޒީ ނަންބަރު 10 ދައްޔާން އަޙްމަދު ވަނީ އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.
މި މަހުގެ 15 އިން 30ގެ ނިޔަލަށް ކުރިއަށްގެންދިޔުމަށްހަމަޖެހިފައިވާ މި މުބާރާތުގައި ޖުމުލަ 27 ޓީމު ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ރެހެންދި ދަނޑުގައެވެ.
މިއަހަރުގެ މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ ދިރާގެވެ. ކޯ-ސްޕޮންސަރަކީ ލިއެން ޝުއޭ ޝިން ނޫޑްލް ރެސްޓޯރެންޓެވެ. މުބާރާތުގެ ބޭންކިން ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އެވެ. މުބާރާތުގެ ކިޓް ޕާޓްނަރަކީ މެނީ މޯލްޑިވްސް އެވެ. އަދި މީޑިއާ ޕާޓްނަރަކީ ވޮއިސް ސްޕޯޓްސް އެވެ. މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އަދި އެލައިޑް އިންޝުއަރެންސް ހިމެނޭއިރު، މުބާރާތުގެ ޕާޓްނަރުންގެ ތެރޭގައި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން، ޔުނިވިޔަ، މާލެ ސިޓީ ކައުންސިލް އަދި އޮބިއޮން ހިމެނެއެވެ.






