ދިރާގު އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2025ގެ ކުއާޓަރ ފައިނަލްގައި ސެންޓަރ ފޯރ ފައުންޑޭޝަން ސްޓަޑީޒް (ސީ.އެފް.އެސް) އާއި ފެކަލްޓީ އޮފް އާޓްސް (އެފް.އޭ) ބައްދަލުކުރި މެޗުން ސީ.އެފް.އެސް މޮޅުވެ، ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
ރޭ ހުޅުމާލޭ ރެހެންދި ދަނޑުގައި ކުޅުނު މި މެޗު ސީ.އެފް.އެސް އިން ކާމިޔާބުކޮށްފައިވަނީ 1-3ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސީ.އެފް.އެސްގެ ޖޯޒީ ނަންބަރު 18 އާމިނަތު ރައިޝާ ރާމިޒެވެ.
ސެމީ ފައިނަލުގައި ސީ.އެފް.އެސް ބައްދަލުކުރާނީ ވިލާ ކޮލެޖާއެވެ.
މި މުބާރާތުގެ ސެމީ ފައިނަލުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންގާރަދުވަހުގެ ރޭ ހުޅުމާލެ ރެހެންދި ދަނޑުގައެވެ.
މި މަހުގެ 15 އިން 30ގެ ނިޔަލަށް ކުރިއަށްގެންދިޔުމަށްހަމަޖެހިފައިވާ މި މުބާރާތުގައި ޖުމުލަ 27 ޓީމު ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ރެހެންދި ދަނޑުގައެވެ.
މިއަހަރުގެ މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ ދިރާގެވެ. ކޯ-ސްޕޮންސަރަކީ ލިއެން ޝުއޭ ޝިން ނޫޑްލް ރެސްޓޯރެންޓެވެ. މުބާރާތުގެ ބޭންކިން ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އެވެ. މުބާރާތުގެ ކިޓް ޕާޓްނަރަކީ މެނީ މޯލްޑިވްސް އެވެ. އަދި މީޑިއާ ޕާޓްނަރަކީ ވޮއިސް ސްޕޯޓްސް އެވެ. މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އަދި އެލައިޑް އިންޝުއަރެންސް ހިމެނޭއިރު، މުބާރާތުގެ ޕާޓްނަރުންގެ ތެރޭގައި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން، ޔުނިވިޔަ، މާލެ ސިޓީ ކައުންސިލް އަދި އޮބިއޮން ހިމެނެއެވެ.






