ދިރާގު އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2025ގެ އަންހެން ޑިވިޜަނުގެ ކުއާޓަރ ފައިނަލްގައި އެމް.އައި ކޮލެޖާއި ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފް.އެޗް.އެސް) ބައްދަލުކުރި މެޗު 2-1ގެ ނަތީޖާއަކުން އެފް.އެޗް.އެސް ކާމިޔާބުކޮށްފިއެވެ.
ރޭ ހުޅުމާލޭ ރެހެންދި ދަނޑުގައި ކުޅުނު މި މެޗު އެފް.އެޗް.އެސް އިން ކާމިޔާބުކުރުމާއެކު ވަނީ ސެމީ ފައިނަލުގެ ޖާގަ ކަށަވަރުވެފައެވެ.
މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފް.އެޗް.އެސްގެ ޖޯޒީ ނަންބަރު 19 އާމިނަތު މައިހާ މޫސާ އެވެ.
ސެމީ ފައިނަލުގައި އެފް.އެޗް.އެސް ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ބިޒްނަސް ސްކޫލާއެވެ.
މި މުބާރާތުގެ ސެމީ ފައިނަލުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންގާރަދުވަހުގެ ރޭ ހުޅުމާލެ ރެހެންދި ދަނޑުގައެވެ.
މި މަހުގެ 15 އިން 30ގެ ނިޔަލަށް ކުރިއަށްގެންދިޔުމަށްހަމަޖެހިފައިވާ މި މުބާރާތުގައި ޖުމުލަ 27 ޓީމު ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ރެހެންދި ދަނޑުގައެވެ.
މިއަހަރުގެ މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ ދިރާގެވެ. ކޯ-ސްޕޮންސަރަކީ ލިއެން ޝުއޭ ޝިން ނޫޑްލް ރެސްޓޯރެންޓެވެ. މުބާރާތުގެ ބޭންކިން ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އެވެ. މުބާރާތުގެ ކިޓް ޕާޓްނަރަކީ މެނީ މޯލްޑިވްސް އެވެ. އަދި މީޑިއާ ޕާޓްނަރަކީ ވޮއިސް ސްޕޯޓްސް އެވެ. މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އަދި އެލައިޑް އިންޝުއަރެންސް ހިމެނޭއިރު، މުބާރާތުގެ ޕާޓްނަރުންގެ ތެރޭގައި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން، ޔުނިވިޔަ، މާލެ ސިޓީ ކައުންސިލް އަދި އޮބިއޮން ހިމެނެއެވެ.






