ތަރަޙަ ގޮފީގެ ފަރާތުން އިންތިޒާމުކޮށް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މާލޭ ކެމްޕަހުގެ ހުރިހާ ދަރިވަރުންނަށް އަމާޒުކޮށްގެން ”މޫވީ ނައިޓެއް“ ބާއްވައިފިއެވެ. މި މޫވީ ނައިޓަކީ ތަރަޙަ ގޮފީގެ ފަރާތުން މިއަހަރު ކުރުމަށް ރާވާފައިވާ ކަންކަން ކުރުމަށްޓަކައި މާލީގޮތުން ގޮފި ވަރުގަދަ ކުރުމަށް ހިންގުނު ”ފަންޑް ރެއިޒިންގ“ ޙަރަކާތެކެވެ.


25 އޭޕްރީލް 2018ވީ އާދީއްތަދުވަހުގެރޭ 08:00ގައި ބޭއްވުނު މި ޙަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އެމް.އެން.ޔޫގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަން (ސީ.އޭ) އޮޑިޓޯރިއަމްގައެވެ. މޫވީ ނައިޓުގެ ޓިކެޓު ވިއްކާފައިވަނީ ޓިކެޓެއް 10 ރުފިޔާގެ މަގުން ކަމަށްވާއިރު، ގިނަ ޢަދަދެއްގެ ދަރިވަރުންގެ އެއްބާރުލުމާއި އެހީތެރިކަން މި ޙަރަކާތަކަށް ލިބުނުކަން ފާހަގަކޮށްލެވެއެވެ. މޫވީ ނައިޓުގެ ބައިވެރިންނަށް މުނިފޫހިފިލުވުމުގެ ތަފާތު ޙަރަކާތްތައްވެސް ތަރަޙަ ގޮފީގެ ފަރާތުން ވަނީ އެރޭ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ބައިވެރިންނަށް ޕޮޕް ކޯން އަދި ޕެޕްސީ، ކޮކާ ކޯލާ ފަދަ ބުއިންތައް ވިއްކުނުއިރު، ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒްގެ ބައެއް ދަރިވަރުންވަނީ ފިލްމާއި ގުޅޭގޮތަށް މޭކަޕްކޮށް މޫވީ ނައިޓް ތެރޭގައި ޙަރަކާތްތެރިވެފައެވެ. މޫވީ ނައިޓުގައި އަޅުވާފައިވަނީ ”ސްލަމްބާރ“ ކިޔާ އިނގިރޭސި، ބިރުވެރި ފިލްމެކެވެ.


މި ޙަރަކާތަކީ ތަރަޙަގޮފީގެ ފަރާތުން ބޭއްވުމަށް ވަރަށް ކުރީއްސުރެ ރާވަމުން އަންނަ ޙަރަކާތެއްކަމަށާއި، މިކަން އެމް.އެން.ޔޫ.އެސް.ޔޫގެ ގޮފިތަކުގެ ބައްދަލުވުމުގެ ”ތަރަޙަ“ ގޮފީގެ ބައްދަލުވުމުގައިވެސް ފާހަގަކޮށްފައިވާނޭކަމަށް ގޮފީގެ ސެކްރެޓަރީ ޢާއިޝަތު ލަޔާލް އަޙްމަދު މަޢުލޫމާތުދެއްވިއެވެ. މީގެ އިތުރުން ގޮފީގެ ނައިބު ރައީސާ (ޢަމަލީ)ވެސް ވަނީ މި ޙަރަކާތާއިގުޅޭގޮތުން މަޢުލޫމާތު ދެއްވާފައެވެ.


”މިއީ އަޅުގަނޑުމެން ފަންޑް ރެއިޒްކުރުމުގެ ގޮތުންނާއި ތަރަޙަ ގޮފީގެ ތަޢާރަފެއް މިހާރު ސީ.އެފް.އެސްގައި އުޅޭ ދަރިވަރުންނަށް ދިނުމުގެ ގޮތުން ބޭއްވި ޙަރަކާތެއް. މި ފުރުޞަތުގައި މި ޙަރަކާތް ބޭއްވުމަށް އެކި ގޮތްގޮތުން ވަރަށްގިން ފަރާތްތަކެއްގެ އެހީތެރިކަން ލިބިފައިވާކަން ފާހަގަކޮށްލަން. އެގޮތުން ދެއްވި ފުރިހަމަ އެއްބާރުލުމަށް އެމް.އެން.ޔޫ.އެސް.ޔޫގެ ހިންގާ ކޮމިޓީ އާއި ސީ.އެފް.އެސްގެ ލީޑަރސް ގްރޫޕުގެ އެންމެހާ މެންބަރުންނަށް ނިހާޔަތަށް ޝުކުރު އަދާކުރަން.“
– ތަރަޙަ ގޮފީގެ ނައިބު ރައީސާ (ޢަމަލީ) އަލްފާޟިލާ މަރިޔަމް އިފްހާމާ ޔޫސުފް –
”ތަރަޙަ“ ގޮތްޕަކީ އެމް.އެން.ޔޫ.އެސް.ޔޫ އިން ސީ.އެފް.އެސް ގައި ޤާއިމުކޮށްފައިވާ ގޮތްޕެކެވެ. މިއަހަރު (2018) ތަރަޙަ ގޮފީގެ ހިންގާ ކޮމިޓީގެ 3 ވަނަ ދައުރު އިފްތިތާޙު ކުރެވުނީ 16 ފެބުރުވަރީ 2018 ގައެވެ.