ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ޓީމާއި، އެމް.އެން.ޔޫ ކައުންސިލްގައި ދަރިވަރުން ތަމްސީލުކުރާ މެންބަރު އަދި އެމް.އެން.ޔޫ.އެސް.ޔޫ ޝަރަފްވެރިކަމާއި ޢިއްޒަތްތެރިކަމުގެ ނިޝާނުގެ ވެރިޔާ ޢަލީ ރަޝީދު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ގަން ކެމްޕަހުގެ ދަރިވަރުންނާއި ބައްދަލުކޮށްފިއެވެ. މި ބައްދަލުވުން ބޭއްވުނީ އެމް.އެން.ޔޫ.އެސް.ޔޫގެ ޓީމުން މިހާރު ލާމު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.
06 މެއި 2018ވީ އާދީއްތަދުވަހުގެރޭ މި ބައްދަލުވުން ބޭއްވީ އެރޭ ”އަހުރަ“އިގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި މާހެފުމަކަށްފަހުއެވެ. އެމް.އެން.ޔޫ.އެސް.ޔޫގެ ޓީމުގައި ރައީސް އަރުޝަދު އަޝްރަފް، ނައިބު ރައީސް (އަމަލީ) ޙަސަން ޝާހު، ޚަޒާންދާރު ޢަބްދުﷲ ޝަހުނީޒް، ސެކްރެޓަރީ އަނާ އަޙްމަދު އަދި މީޑިއާ ކޯޑިނޭޓަރ މުޙައްމަދު ޝާން ޢާމިރު ހިމެނޭއިރު، އެމް.އެން.ޔޫ.އެސް.ޔޫ އެޑްވައިޒަރީ ބޯޑުގެ މެންބަރު ޙުސައިން ޢަލީ އާއި ޔޫތު ލީޑަރސް ނެޓްވޯކް (ވައި.އެލް.އެން)ގެ 2 މެންބަރުން ކަމަށްވާ ސައިރިކްސް ކޮލެޖް ސްޓޫޑެންޓް އެންޑް އެލުމްނައި އެސޯސިއޭޝަން (ސީސާ)ގެ ރައީސް މުޙައްމަދު ނަބީހް އަދި އެވިޑް ކޮލެޖް ސްޓޫޑެންޓްސް ކައުންސިލްގެ އެކްޓިވިޓީ ކޯޑިނޭޓަރ ފާތިމަތު ރިޝްތާ ސުޖާ ވެސް ވަނީ ބައިވެރިވެލައްވާފައެވެ. ”އަހުރަ“އިގެ ހިންގާ ކޮމިޓީން މި ބައްދަލުވުމުގައި ބައިވެރިވެލެއްވީ ގޮފީގެ ނައިބު ރައީސް (ޢިލްމީ) ޢަބްދުﷲ ޙަލީމް، ނައިބު ރައީސް (ޢަމަލީ) އިބްރާހީމް ރަޝީދު އަދި މީޑިއާ ކޯޑިނޭޓަރ ޙުސައިން މުއާޒެވެ.
މި ބައްދަލުވުމުގައި އެމް.އެން.ޔޫ.އެސް.ޔޫގެ ރައީސް އަރުޝަދު އަޝްރަފް ދެއްކެވި ވާހަކަފުޅުގައި ދަރިވަރުންގެ ފަރާތުން ”އަހުރަ“ ގޮފީގެ ޙަރަކާތްތަކަށް ސަޕޯޓު ދިނުމަށާއި އަހުރަ ގޮފީގެ ފަރާތުން ދަރިވަރުންނަށް ޙަރަކާތްތައް އިންތިޒާމުކުރެއްވުމަށް އިރުޝާދު ދެއްވިއެވެ. އަދި ދަރިވަރުން އަމިއްލަ ފައި މައްޗަށް ތެދުވެ، އިސްވާރުންނަށް (ލީޑަރުންނަށް)ވުމުގެ މުޙިއްމުކަން ބަޔާންކުރެއްވިއެވެ. މި ބައްދަލުވުމުގައި އެމް.އެން.ޔޫ ކައުންސިލްގައި ދަރިވަރުން ތަމްސީލުކުރާ މެންބަރު އަދި އެމް.އެން.ޔޫ.އެސް.ޔޫ ޝަރަފްވެރިކަމާއި ޢިއްޒަތްތެރިކަމުގެ ނިޝާނުގެ ވެރިޔާ ޢަލީ ރަޝީދުވެސް ވަނީ ވާހަކަދައްކަވާފައެވެ. އެބޭފުޅާގެ ވާހަކަފުޅުގައި ”އަހުރަ“ ގޮތްޕަކީ ކެމްޕަސް ގޮފިތަކުގެ ތެރެއިން އެންމެ ދޮށީ ގޮފިކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ދަރިވަރުންގެ ފަރާތުން ގޮފި ކުރިއެރުވުމަށް އެދިލެއްވިއެވެ. ”އަހުރަ“އިގެ ފަރާތުން ބައްދަލުވުމުގައި ވާހަކަދެއްކެވީ ”އަހުރަ“ ގޮފީގެ ނައިބު ރައީސް (އަމަލީ) އިބްރާހީމް ރަޝީދެވެ.