ސެމީ ފައިނަލްގެ 2 މެޗުގެ ސްކޯ ދިމާކޮށް ލޮޮކްޑައުން ޔޫރޯ ފޯރީގެ 6 ވަނަ ބުރުގެ އެއްވަނަ ޙުސައިން ޚަލީލް ހާސިލްކޮށްފިއެވެ.
ޔޫރޯ 2020އާއި ދިމާކޮށްގެން އެމް.އެން.ޔޫ.އެސް.ޔޫއިން ކުރިޔަށްގެންދާ ”ލޮކްޑައުން ޔޫރޯ ފޯރި“ މުބާރާތުގެ 6 ވަނަ ބުރުގައި ޙުސައިން ޚަލީލްގެ އިތުރުން މޫސާ އީމާން އަބްދުއް ރަހްމާނު ވަނީ 2 މެޗުގެ ސްކޯ ދިމާކޮށް 6 ޕޮއިންޓު ހޯދާފައެވެ. ޕޮއިންޓު ގޮތުން ދެބައިވެރިން އެއްވަރުވުމުން އެއްވަނަ ބައިވެރިޔާ ހޮވާފައިވަނީ ނެގުނު ގުރުއަތަކުންނެވެ. 6 ވަނަ ބުރުގެ އެއްވަނަ ބައިވެރިޔާއަށް އިނާމު ހަވާލުކޮށްދެއްވީ އެމް.އެން.ޔޫ.އެސް.ޔޫގެ 8 ވަނަ ދައުރުގެ މީޑިއާ ކޯޑިނޭޓަރ މުޙައްމަދު އަޙްނަފެވެ.
7 ބުރަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ ކޮންމެ ބުރެއްގައި އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަށް ”ސަޕްރައިޒް“ އިނާމެއް ހުށަހެޅިފައިވާއިރު މުޅި މުބާރާތުގައި އެންމެ ގިނަ ޕޮއިންޓް ހޯދާ 3 ފަރާތަށް އަގުހުރި އިނާމުތަކެއްވަނީ ހުށަހެޅިފައެވެ. ޖުމްލަ 50 މެޗު ކުޅެވި މުބާރާތުގެ 6 ބުރު ނިމިފައިވާއިރު މިހާތަނަށް މި މުބާރާތުގައި 120 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.
މި މުބާރާތުން އެއްވަނަ އަށް ހޮވޭ ފަރާތަކަށް މި މުބާރާތުގެ މެއިން ސްޕޮންސަރ ”ޕްރޯ ސޮކާ“ ގެ ފަރާތުން ފުޓްސަލް ނުވަތަ ފުޓްބޯޅަ ބޫޓެއް ދިނުމަށް ވަނީ ނިންމާފައެވެ. ދެވަނަ އަށް ދާ ފަރާތަކަށް އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން ފުޓްސަލް ބޯޅައެއް ދިނުމަށް ނިންމާފައިވާއިރު، 3 ވަނަ އަށް ދާ ފަރާތަކަށް އެ ފަރާތަކަށް އެންމެ ކަމުދާ ޓީމެއްގެ ޖާޒީ ދިނުމަށް ވަނީ ނިންމާފައެވެ. އަދި މީގެން ކޮންމެ ފަރާތަކަށް ސަޕްރައިޒް އިނާމެއް ދިނުމަށްވެސް އެމް.އެން.ޔޫ.އެސް.ޔޫ އިން ވަނީ ނިންމާފައެވެ.
މުބާރާތުގެ 6 ބުރު ނިމުނު އިރު 72 ޕޮއިންޓާއެކު އެއްވަނައިގައި ވަނީ މުޙައްމަދު މައިޝާނެވެ. އަދި 69 ޕޮއިންޓާއެކު 2 ވަނައިގައި ޙުސައިން ރާއިފް ވާއިރު، 67 ޕޮއިންޓާއެކު 4 ފަރާތެއް 3 ވަނައަށް ވާދަކުރެއެވެ. މުބާރާތުގެ އެންމެ ފަހު ބުރުގެ ގޮތުގައި ކަނޑައަޅާފައިވަނީ ޔޫރޯ 2020ގެ ފައިނަލް މެޗެވެ. މި މެޗު އޮންނާނީ ހޯމަ ދުވަހު (12 ޖުލައި 2021) ރޭގަނޑު 12:00 ގައެވެ. މުބާރާތުގެ ބައިވެރިންގެ ޖުމްލަ ޕޮއިންޓް ޓޭބަލް އަދި ރައުންޑްގެ ޕޮއިންޓް ޓޭބަލް ބަލާލެވޭު އެމް.އެން.ޔޫ.އެސް.ޔޫ ފޭސްބުކް ޕޭޖަށް އަރުވާ މުބާރާތުގެ ޕޯސްޓްތަކާއެކު ހިމެނިފައިވާނެއެވެ.
މި މުބާރާތުގެ މަޤްޞަދަކީ ޔޫރޯ މުބާރާތުގެ ފޯރި އާންމުންގެ ތެރޭގައި އިތުރުކުރުމާއި، މާލޭގެ ފުރަބަންދު ޙާލަތުގައި ގޭގައި ތިބެގެން ޝައުޤުވެރިކަމާއެކު ބައިވެރިވެވޭނެ ޙަރަކާތެއް ޢާންމުންނާ ހަމައަށް ގެނެސްދިނުމެވެ. މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ”ޕްރޯ ސޮކާ“ އެވެ.