ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ(އެމް.އެން.ޔޫ) ގަން ކެމްޕަހުގައި ޤާއިމް ކޮށްފައިވާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން(އެމް.އެން.ޔޫ.އެސް.ޔޫ)ގެ ގޮފި، ”އަހުރަ“ ގެ 5 ވަނަ ދައުރުގެ ހިންގާ ކޮމިޓީ އިފްތިތާޙުކޮށްފިއެވެ.
މި ރަސްމިއްޔާތު ބޭއްވުނީ 2021 އޯގަސްޓު 5 ވީ ބުރާސްފަތި ދުވަހު ގަން ކެމްޕަހުގައެވެ. ރަސްމިއްޔާތު ޝަރަފުވެރި ކޮށްދީފައިވަނީ ގަން ކެމްޕަހުގެ މެނޭޖަރ ހައްވާ ވަޖުދާ ޤާސިމެވެ. އަދި އެމް.އެން.ޔޫ.އެސް.ޔޫގެ ރައީސާއި، ނައިބު ރައީސް ގޮފިތަކުގެ އިތުރުން އެޑްވައިޒަރީ ބޯޑުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.އެން.ޔޫ.އެސް.ޔޫގެ ނައިބު ރައީސް(ގޮފިތައް) ޙުސައިން ޒައިދު ވިދާޅުވީ އަހުރައަކީ 2018 ވަނަ އަހަރު ދަރިވަރުންގެ ޔޫނިއަންގެ ކެމްޕަސް ގޮފިތަކުގެ 1 ވަނަ މަގާމު ހާސިލުކޮށްފައިވާ ގޮތްޕަކަށްވުމުން، އަލަށް މަގާމާއި ހަވާލުވާ މެންބަރުން އަޒުމު ކަނޑައަޅައި މަސައްކަތް ކުރަންވީ އެއަށްވުރެ ފުރިހަމަ މަސައްކަތްތަކެއް ކުރުމަށެވެ. މީގެއިތުރުން ކޮންމެ މަގާމަކާއިއެކު ޒިންމާއެއް އެކުލެވިގެންވާކަމާއި މަގާމު މަތިވާވަރަކަށް ޒިންމާ ބޮޑުވާނެކަން ޒައިދު ވަނީ ހަނދާން ކޮށްދީފައެވެ.
އެއަށްފަހު އަހުރައިގެ 5 ވަނަ ދައުރުގެ ހިންގާ ކޮމިޓީ އާއި މަގާމު ހަވާލުކޮށްފައިވާއިރު، މި ނަމްބަރު ފުރިހަމަކޮށްދެއްވީ، އެމް.އެން.އެސް.ޔޫގެ 8 ވަނަ ދައުރުގެ ރައީސް އަލީ ޝަމްއޫން އާއި ކުރީގެ ނައިބު ރައީސް ހަސަން ޝާހުގެ އިތުރުން އެމް.އެން.ޔޫ ގަން ކެމްޕަސް މެނޭޖަރ ހައްވާ ވަޖުދާ ޤާސިމެވެ.
އަހުރަ 5 ވަނަ ދައުރުގެ ހިންގާ ކޮމިޓީ:
ރައީސް: ފާޠިމަތު ސައުޝަން
ނައިބު ރައީސް (އިތުރު ހަރަކާތް): ޝައުނާ ރަޝީދު
ނައިބު ރައީސް (އިލްމީ): ރަނިއްޔާ މޫސާ
ޚަޒާންދާރު: އާމިނަތު ޖައިޝާ އަޙްމަދު
ސެކްރެޓަރީ: ފާޠިމަތު ސުދާ
މީޑިއާ ކޯޑިނޭޓަރ: ޢާއިޝަތު ފަޒީލާ
މަގާމު ހަވާލުކުރެއްވުމަށްފަހު ގަން ކެމްޕަސް މެނޭޖަރ ހައްވާ ވަޖުދާ ޤާސިމް ވާހަކަދައްކަވަމުން ވިދާޅުވީ، އެމް.އެން.ޔޫއެސް.ޔޫއަކީ ވަރަށް ޖޯޝާއެކީ މަސައްކަތްކުރާ ދަރިވަރުންތަކެއްގެ މައްޗަށް އެކުލެވޭ ޔޫނިއަންއެއް ކަމަށެވެ. މީގެއިތުރުން ވަޖުދާ ވިދާޅުވީ އެމް.އެން.ޔޫ.އެސް.ޔޫ ގައި ހަރާކާތްތެރިވާ ދަރިވަރުންނަކީ ވަޒީފާގައި އުޅެމުންވެސް ދަރުމަވެރި މަސައްކަތުގައި ހަރަކާތެރިވާ ކުޅަދާނަ ދަރިވަރުންތަކެއް ކަމަށެވެ.


އަހުރަ ގޮތްޕަކީ އެމް.އެން.ޔޫ.އެސް.ޔޫ އިން އަތޮޅުތެރޭގައި ގާއިމުކޮށްފައިވާ ގޮފިތަކުގެ ތެރެއިން އެންމެ ދުވަސްވީ ގޮފިކަން ފާހަގަ ކުރައްވައި ވަޖުދާ ވިދާޅުވީ މީގެ ކުރިން އަހުރަ ގޮފިންވަނީ އެމް.އެން.ޔޫ.އެސް.ޔޫ ގެ ގޮފިތަކުގެ ތެރެއިން އެންމެ ހިންގުންތެރި ގޮފީގެ މަގާމު ހޯދާފައި ކަމަށާއި، އެހެންނަމަވެސް ކޮވިޑުގެ ހާލަތާއި ގުޅިގެން ގޮފީގެ ހިންގުން މަޑުޖެހުނު ކަމަށެވެ. އެހެންކަމުން އަލަށް މަގާމާއި ހަވާލުވި މެންބަރުން އަހުރަ ގޮފި ކުރިން އޮތް ހާލަތަށް ގެންދިއުމަށް މަސައްކަތްކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. މިގޮތުން އެމް.އެން.ޔޫ.އެސް.ޔޫގެ ހިންގުންތެރި މެންބަރުން ނަމޫނާއަކަށް ބަލައިގެން ކުރިއަށްގޮސް އަހުރަ ގޮފި އިތުރު ހަރުފަތަކަށް ގެންދިއުމަށް ވަނީ ހިތްވަރު ދެއްވާފައެވެ.
އަހުރަގޮފީގެ 5 ވަނަ ދައުރުގެ ހިންގާ ކޮމިޓީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން، މަގާމަށް ކުރިމަތިލައިފައިވަނީ ކޮންމެ މާގާމަކަށް އެއްދަރިވަރުން ކަމަށްވުމުން، އިންތިހާބަކާއި ނުލައި ކުރިމަތިލި ހުރިހާ ދަރިވަރުންވަނީ ހޮވިފައެވެ. ހަމައެހެންމެ، އަހުރައަކީ މިއަހަރުގެ އެމް.އެން.ޔޫ.އެސް.ޔޫގެ އަތޮޅުތެރޭ ކެމްޕަސްތަކުން އިފްތިތާޙުވި ފުރަތަމަ ގޮތްޕެވެ.
ގަން ކެމްޕަހުގައި އެމް.އެން.ޔޫ.އެސް.ޔޫގެ ގޮތްޕެއް ޤާއިމް ކުރެވިފައިވަނީ 2017 ވަނަ އަހަރުގައެވެ.