އެއްއަހަރުގެ މެދުކެނޑުމަކަށްފަހު ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީސް (އެފް.އެޗް.ޓީ.އެސް) ގެ ދަރިވަރުން ތަމްސީލުކުރާ ގޮފި ސޮސައިޓީ ފޯރ ހޮސްޕިޓާރލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (ޝެޓްސް) އިން އިންތިޒާމު ކޮށްގެން ކުރިއަށްގެންދާ ލޫމޯސް އެނބުރި ބެލުންތެރިންނާއި ހަމައަށް އައުމަށް ތައްޔާރުވެއްޖެވެ.
ޝެޓްސްއިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގައި ކިޔަވަމުންގެންދާ ދަރިވަރުންގެ ހުނަރުތައް ދައްކާލުމަށް ކޮންމެ އަހަރަކު ސިލްސިލާކޮށް ބާއްވަމުން އަންނަ ލޫމޯސް މި ހިނގާ އޮކްޓޯބަރ މަހުގެ 30 ވާ ހޮނިހިރު ދުވަހު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ސީއޭ އޮޑިޓޯރިއަމްގައި ބޭއްވުމަށް ތާވަލް ކޮށްގެން ތައްޔާރީތައް ވަނީ ފަށާފައެވެ. ކޮވިޑާއި ގުޅިގެން 2020 ވަނަ އަހަރު ބޭއްވުމަށް ރޭވުނު ޝޯ ބާތިލުކުރަން ޖެހުމާއި ގުޅިގެން މި އަހަރުގެ ޝޯއަށް ވަރަށް ގިނަބަޔަކު އަންނަނީ އިންތިޒާރުކުރަމުންނެވެ.


ދަރިވަރުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ޝޯ އަށް އެކި ފެކަލްޓީ ތަކުން އަންނަނީ ތަފާތު އައިޓަމްތައް ހުށަހެޅުމަށް ތައްޔާރުވާން ފަށައިފައެވެ. ލޫމޯސްގައި މިހާތަނަށް ފިރިހެން 4 އައިޓަމް އަދި އަންހެން 12 އައިޓަމް ވަނީ ބައިވެރިކޮށްފައެވެ. އަދި މި ޝޯގައި އެމް.އެން.ޔޫ.އެސް.ޔޫ ބޮޑުބެރު ގުރޫޕުގެ ޙާއްސަ ހުށަހެޅުންތަކެއް ފެންނާނެކަމުގެ އުފާވެރި ޙަބަރު ޝެޓްސްގެ ރައީސް ޖައިޝް އަލީ ވަހީދު ވަނީ ދީފައެވެ.
ލޫމޯސް އަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގައި ފެކްލްޓީއަކުން އިސްނަގައިގެން ދަރިވަރުންގެ ހުނަރުދެއްކުމަށާއި މަޖާ މާހައުލެއް ދަރިވަރުންގެ މެދުގައި ޤާއިމްކުރުމަށް ބޭއްވިގެންދާނެ އެންމެ ބޮޑު އެއް ޝޯއެވެ.





