ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) ގެ މަޖައްލާ ”ދަންމަރު“ އިފްތިތާހުކޮށްފިއެވެ.
އަހަރީ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް ފެށުމުގެ ގޮތުން 6 ނޮވެމްބަރު 2021 ވީ ހޮނިހިރު ދުވަހުގެރޭ ވަނީ ”އެމް.އެން.ޔޫ.އެސް.ޔޫ ޕްރެޒެންޓްސް ދި ނެކްސްޓް ލެވަލް“ ޝޯވ ބާއްވާފައެވެ. މި ޝޯވ ފެށުމުގެ ކުރިން ވަނީ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހާއްސަ ކޭކެއް ފަޅާފައެވެ. މި ކޭކު ފަޅައިދެއްވީ، ގައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަރީފާއި، ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމާއި، ޑެޕިއުޓީ ވައިސް ޗާންސެލަރ އައިޝަތު ޝާހީން އިސްމާއީލާއި، ޑީން އޮފް ސްޓޫޑެންޓްސް އާޝިއާ ލީލާ އަޙްމަދުގެ އިތުރުން އެމް.އެން.ޔޫ.އެސް.ޔޫގެ ރައީސް އަބްދުﷲ ޝަހުނީޒް އެވެ.
މީގެ އިތުރުން އަހަރީ ދުވަހާ ދިމާކޮށް އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ ޓީމުން ތައްޔާރުކުރި ”ދަންމަރު“ މަޖައްލާ ވަނީ އިފްތިތާހުކޮށްފައެވެ. ދަންމަރު މަޖައްލާ އިފްތިތާހު ކޮށްދެއްވީ، ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަރީފެވެ.
ދަންމަރު މަޖައްލާއަކީ މީގެ ކުރިންވެސް އެމް.އެން.ޔޫ.އެސް.ޔޫގެ މީޑިއާއިން ނެރުމަށް މަސައްކަތް ކުރި މަޖައްލާއެކެވެ. އެހެންނަމަވެސް ދިމާވި އެކިއެކި ދަތިތަކާ ގުޅިގެން މި މަޖައްލާ ނެރެވޭ ގޮތް ވަނީ ނުވެފައެވެ.
އެމް.އެން.ޔޫ.އެސް.ޔޫގެ މީޑިއާ ކޯޑިނޭޓަރު ޝުއައިބް މުޙައްމަދު އިގްބާލް ވިދާޅުވީ ދަންމަރު މަޖައްލާގެ އައު ބާބެއް މީގެ ފަހުން ކޮންމެ މަހެއްގެ ވެސް ހަވަނަ ދުވަހު ނެރުމަށް ނިންމާފައިވާ ކަމަށެވެ.
ދަންމަރު މަޖައްލާގައި ހިމެނޭނީ، ޝަރަފުވެރިންގެ މަސައްކަތްތަކާއި، ހަރުދަނާ އިސްވާރުންގެ މަސައްކަތްތަކާއި، އެމް.އެން.ޔޫ.އެސް.ޔޫގެ ކަލަންޑަރާއި މުހިންމު ޚަބަރުތަކެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އަހަރީ ދުވަސް ފާހަގަ ކުރުމުގެ އިތުރު ހަރަކާތްތައް މި ހަފްތާގެ ތެރޭގައި ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ. އެގޮތުން، ހޯމަ ދުވަހު ”ވެށި ސާފު“ ނަމުގައި ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ. އަދި ”އެކުވެރި މައިދާން“ ނަމުގައި އާއިލީ ހަވީރެއް އަންގާރަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ.





