ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) ގެ ޓެލެންޓް ޝޯވ ”ދި ނެކްސްޓް ލެވަލް“ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
6 ނޮވެމްބަރު 2021 ވީ ހޮނިހިރު ދުވަހު ސީއޭ އޮޑިޓޯރިއަމްގައި ކުރިޔަށްދިޔަ ޓެލެންޓް ޝޯވގެ ހާއްސަ މެހެމާނަކީ ގައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަރީފެވެ. މީގެ އިތުރުން ގައުމީ ޔުނިވަރސިޓީގެ މެނޭޖުމަންޓްގެ އިސްވެރިންނާއި، އެމް.އެން.ޔޫ.އެސް.ޔޫގެ ހިންގާ ކޮމެޓީ މެމްބަރުން ވަނީ މި ޝޯވގައި ބައިވެރިވެފައެވެ.
މި ޝޯވގައި ހަތް ގޮތްޕަކުން ބައިވެރިވެފައިވާއިރު، 16 ހަރަކާތެއް ވަނީ ކުރިޔަށް ގޮސްފައެވެ. މި ޝޯވގެ ހުށަހެޅުންތަކުގެ ތެރެއިން އެންމެ މޮޅު ތިން ހުށަހެޅުން ހޮވުމަށް ވަނީ ނިންމާފައެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ނެކްސްޓް ލެވަލްގައި ގޮފިތަކުން ހުށަހެޅި ހުށަހެޅުންތައް ޖަޖްކޮށްފައިވަނީ ޝަރަފުލް އަމީރު (ކުޑަ ރިޗަޑް) ހުސެއިން އަލީ އަދި އަސްހަރްއެވެ. މި ޝޯވގެ ނަތީޖާ ފާޅުކުރަނީ 27 ނޮވެމްބަރު 2021 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމް.އެން.ޔޫ.އެސް.ޔޫ އެވޯޑް ނައިޓްގައެވެ.
ގޮފިތަކުގެ ހަރަކާތްތަކުގެ އިތުރުން އެމް.އެން.ޔޫ.އެސް.ޔޫ ބޮޑުބެރު ގްރޫޕްގެ ހަރަކާތްތަކާއި ވަންޝޮޓް އިވެންޓްސްގެ ހަރަކާތްތަކުގެ އިތުރުން ”ބަދިގެ ބްރޯސް“ ގެ ހަރަކާތެއް ފެނިގެންދިޔައެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ދި ނެކްސްޓް ލެވަލްއަކީ 2019 ވަނަ އަހަރުން ފެށިގެން ކުރިޔަށްދާ ޓެލެންޓް ޝޯވއެކެވެ. މި ޝޯވގެ މަގްސަދަކީ ދަރިވަރުންގެ ހުރި ޓެލެންޓްތައް ވާދަވެރި މާހައުލެއްގައި ދައްކައިދިނުމެވެ.