ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) ގެ ނުވަވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ އާއިލީ ހަވީރު ”އެކުވެރި މައިދާން“ ބުރާސްފަތި ދުވަހު އެމް.އެން.ޔޫ ސެންޓްރަލްގައި ބާއްވަން ނިންމައިފިއެވެ.
އެކުވެރި މައިދާނުގައި އެމް.އެން.ޔޫ.އެސް.ޔޫ ގޮފިތަކުން ސްޓޯލްތައް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މި ސްޓޯލުތަކުގެ ތެރޭގައި ހިމެނޭނީ އެކިކަހަލަ ކުޅިވަރުތަކާއި، ފޭސް ޕެއިންޓެއިންގގެ އިތުރުން ފުޑް ސްޓޯލްތަކެވެ. މީގެ އިތުރުން އެކުވެރި މައިދާން ކުރިޔަށްދާ ވަގުތު، ބީޕީ ބެލުމާއި ބްލަޑް ޕްރެޝަރ ބެލުންފަދަ ހަރަކާތްތައްވެސް ކުރިޔަށްދާނެއެވެ.
އެމް.އެން.ޔޫ.އެސް.ޔޫގެ ރައީސް އަބްދުﷲ ޝަހުނީޒް ވިދާޅުވީ ކޮވިޑް-19ގެ ހާލަތުގައި އެންމެން އެކުގައި އެއްތަނަކުން ބައްދަލުވާން ފުރުސަތުނުލިބި ދިޔަ ދިޔުން ބަދަލުކޮށް އެންމެން ފެނިދެނިވެ އެކުވެރި މަޖާ މައުހާލެއްގައި ބައްދަލުވުމުގެ ފުރުސަތުހޯދައި ދިނުމަކީ މި ހަރަކާތުގެ އެންމެ ބޮޑު އެއް މަގުސަދުކަމުގައެވެ.
މީގެ އިތުރުން ޝަހުނީޒް ވިދާޅުވީ، އެމް.އެން.ޔޫ.އެސް.ޔޫ އަކީ ހަމައެކަނި އެމް.އެން.ޔޫ ތެރޭގައި ހަރަކާތް ހިންގާ ބައެއް ނޫން ކަމަށެވެ. އިޖުތިމާއީ ހަރަކާތްތައް މިހާރަށްވުރެ ފުޅާކޮށް ޖަމިއްޔާގެ މަގްސަދުތަކާއި އެމް.އެން.ޔޫގެ ލަނަޑުދަނޑިތައް ހާސިލްކުރުމެވެ.
މިއީ އާންމުންނަށް ހުޅުވާލައިގެން އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން އާއިލީ ހަވީރެއް ބާއްވާ ފުރަތަމަ ފަހަރެވެ. އަދި ކުރިޔަށް އޮތް ތަނުގައި މި ހަރަކާތް ސިލްސިލާ ގޮތެއްގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.





